ތާރީޚަށް އައި ބަދަލާއެކު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ ތިން ދުވަސްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔޭ ރޭ ތަސްދީގު ކުރެއްވުމާއި އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އޭޕްރިލް 21 އަށް އިންތިހާބު ފަސްކޮށްފައެވެ.
އެހެންކަމުން ތާރީހަށް މިއައި ބަދަލާއި އެކު ދެން ކޮމިޝަނުގެ މަސައްކަތްތައް ބައްޓަން ކުރައްވާނެ ގޮތާ މެދު މައުލޫމާތު ދެއްވަމުން ހަބީބް ވިދާޅުވީ ވޯޓާސް ލިސްޓަށް ބަދަލު އަންނާނެ ކަމަށާ އެހެންކަމުން އެ ތާރީހުގެ މުއްދަތާއި ދެމެދު އަލަށް 18 އަހަރުވާ ކުދިން ތިބުމާއި އެކު އައު ވޯޓާސް ލިސްޓެއް އާންމު ކުރާނެ ކަމަށެވެ. ނަމަވެސް ރީ-ރެޖިސްޓްރޭޝަންއަށް ހުޅުވާލާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައިވާކަން ހަބީބު ހާމަކުރައްވާފައިނުވެއެވެ.
މީގެ އިތުރުން ވޯޓުލުމަށް ފަހު، ކަރުދާސް ދެއްކުން ނުވަތަ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ފިޔަވަޅު އަޅާފައިވާނެ ކަމަށާ އެގޮތުން ވޯޓު ކަރުދާސް ހާމައަށް ފެންނަ ގޮތަށް ގެންގުޅުން، ނުވަތަ ފޮޓޯ ނެގުން އެއީ ކުށެއްކަމަށް ކަނޑައަޅާފައިވާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބަށް އޮފިޝަލުންގެ ތަމްރީނުތައް ރޯދަ މަހުގެ ކުރިން ނިންމާނެ ކަމަށެވެ. އަދި އިދާރީ ގޮތުން ކުރަންހުރި މަސައްކަތްތައް ވެސް އޭގެ ކުރިޔަށް ނިންމާނެކަމަށް ވިދާޅުވި އެވެ. މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު އަންނަ އޭޕްރީލް މަހުގެ ފަހުކޮޅަށް ފަސްކުރުމުން އިތުރު 560 މީހުންނަށް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ދާނެއެވެ.
މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބު ރޯދަ މަހު ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވަނީ ބަންޑާރަ ނާއިބު، އަހުމަދު އުޝާމް އެގޮތަށް ލަފާދެއްވުމާއި ގުޅިގެންނެވެ. ނަމަވެސް ގާނޫނު މއީ އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދުމަށް ވުރެ ސަރީޚަކޮށް ގާނޫނު އަސާސީގައި އަމަލުކުރަންވާ ގޮތް ބަޔާންކޮށްފައިވާ ކަމަކަށްވާއިރު ރައީސް މުއިއްޒު އޭޖީގެ ލަފާގެ ބަހަނާ ދެއްކެވީވެސް ބިލު ތަސްދީގުނުކޮށް ލަސްކުރުމުގެ ނިޔަތުގައި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.