
ގާނޫނުއަސާސީގައި ބަޔާންކުރާ ފަދަ އިލެކްޝަން ކޮމިޝަނެއް މިހާރު ވުޖޫދުގައި ނެތް ކަމަށް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންފަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މިފެންނަނީ މިނިވަން އިލެކްޝަން ކޮމިޝަން ގާނޫނުއަސާސީގެ 167ގެ ( ށ) ގައި ވާފަދައިން ވުޖޫދުގައި ނެތް މަންޒަރު ކަމަށެވެ.
ފެންނަނީ ޕީއެންސީގެ އެކްޓިވިސްޓުން ގޮތަށް ކޮމިޝަން އުޅޭމަންޒަރު ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ، މިގޮތުން ބަލާއިރު 2008އިން ފެށިގެން ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުން ވެރިކަން ކުރަމުން އަންނައިރު މިހާރު މިއޮތް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުނީ ޕީޕީއެމުން މާލޭގެ މަގުމަތީ އޭރުގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހަށް ވައްކަމުގެ ތުހުމަތު ކުރަމުން ސިލްސިލާ މުޒާހަރާ ކޮށްގެން ކަން ހަނދާނަށް ގެންނަވާފައެވެ.
އެއާއެކު މިހާރުގެ އީސީގައި ތިއްބެވީ މިނިޒާމުގެ ފައިދާއިން ވަޒީފާގައި ތިބި ބޭފުޅުން ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރުމަކީ އަސާސީ ޙަައްގެއް ކަމަށްވާއިރު، އީސީ މިއަދު ވާންޖެހެނީ އަސާސީ ޙައްގު ފުޅާކުރަން ވަކާލާތުކުރާ، ސިޔާސީ ހުރިހާ ޕާޓީތަކަށް އެއްހަމައަކުން މުއާމަލާތްކުރާ އަދުލުވެރިކަން އިސްކުރާ ތަނަކަށް ކަމަށް ވެސް ވިދާޅުވެފައެވެ.
ޕީއެންސީ މިހާރު ހުރިތަނާ އެތަނުން ކިތައް ފަހަރު އެހެން ޕާޓީތަކަށާ އާންމުންނަށް ދަތިވާ ގޮތަށް ކިތައް އިވެންޓް ބާއްވައިފިކަމާ އަދި މިފަދަ އެތަކެއް އަމަލު ހިންގަމުންދާއިރު އީސީ ކޮބައިތޯ ސުވާލު އުފައްވާ ޑރ ޖަމީލު ވަނީ އިލްކެޝަން ކޮމިޝަންގެ ރައީސްގެ މަގާމުން މުހައްމަދު ޒާހިދު ދާދިފަހުން އިސްތިއުފާދީފައިވާއިރު އެއީ ރައީސް މުއިއްޒުގެ ޕަޕެޓުންގެ ގޮތުގައި ޢައްޔަން ކުރާ ރައީސާއި ނައިބު ހިމެނޭ އެ ކޮމިޝަނުން އެފަދަ ޒާތުގެ ނޭދޭވޭ ކަންތައް ކުރުމަށް ދެކޮޅު ހައްދަވާ އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ގާނޫނުތަކާ ، ސިޔާސީ ޙަރަކާތްތަކަށް ޖާގަނުދޭން މުއިއްޒުކުރާ މަސައްކަތުގައި ކޮމިޝަން މިހާރު ވެއްޓިގަތީ އެއްވެސް ގަދަރެއް އިޙްތިރާމެއް ނުލިބޭ ހިސާބު ދަށު ދަރަޖައަށްކަން މުޅި ރަައްޔިތުން ފާހަގަ ކުރާ ކަމަށާ ހަނދާން ކުރަންވީ ރަައްޔިތުންގެ ބާރު އިސްވާނެކަން ކަމަށް ވެސް ޑރ ޖަމީލުގެ ޕޯސްޓުގައިވެއެވެ.
މިވަގުތަކީ މިނިވަން މީޑިޔާއަށާ މިނިވަން ހުރިހާ އަޑެއް ކަނޑުވާލަން ރައީސް މުއިއްޒު ހިފާފައިވާ ވަގުތެއް ކަމަށް ވިދާޅުވެ ޑރ ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ، އީސީއިން ޖަހާ ސަކަރާތް ސިޔާސީ ވެރިންނަށް ވިސްނޭނެކަމަށެވެ. ރަައްޔިތުން ވަނީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެފައިކަމާ ގައުމުގެ ޙާލަތު ދަށަށްދާއިރު ރައްޔިތުން އަޑުއުފުލާނެކަން ގަބޫލްކުރަން އީސީވެސް ރުހުނަސް ނުރުހުނަސް ދަސްކުރައްވަން މަޖްބޫރު ކަމަށް ވެސް ޕޯސްޓު ނިންމަވާ ލައްވަމުން ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.










