އިޒްރޭލު ފީފާއިން ބޭރުކުރުމަށް ގޮވާލާ ގަލޮޅު ދަނޑުގައި އަޑު އުފުލި މީހުން ދަނޑުން ބޭރު ކުރި މައްސަލައިގައި، މަޝްހުރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން އިބްނި އަލީ އާދަމްގެ ނުރުހުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
ޝެއިޚު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެ ފަދަ ދެފުށް ކެހެރި އަނިޔާވެރިންނާއި ދެކޮޅަށް މިފަސްގަނޑުގައި އަޑު އުފުލުން މަނާކުރާނީ ހަމަ ޔަހޫދީ ޓެރަރިސްޓް އިޒްރޭލުގެ ބައިވެރިން ކަމަށެވެ.
ފަލަސްޠީނުގެ ބިން ފޭރިގަނެ، މުސްލިމުން ގެދޮރުން ނެރެލައި އެމީހުންގެ ގެދޮރުތަކަށް ވެރިވެގަނެ އަދި ބޮންއަޅާ ސުންނާފަތިކޮށް އެ މުސްލިމުންތައް ކަތިލަމުންދާ ޖައްބާރު އިޒްރޭލުގެ ޔަހޫދީ ޓެރްރިސްޓް ދައުލަތަށް ވާގިވެރިވާ ކޮންމެ މީހަކީ އަޅުގަނޑުމެންގެ ޢަދާވާތްތެރިއެއް ކަމަށްވެސް ޝެއިޚު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެފަދަ މީހަކަށް އިޙްތިރާމް އަދާކޮށް، ޝަރަފާއި ޢިއްޒަތްދީ، އޭނާގެ ޝަރަފުގައި ފަލަސްޠީނާއި މުސްލިމުންގެ ޙައްޤުގައި އަޑު އުފުލައި، ޝުޢޫރު ފާޅުކޮށް، އެމީހުންގެ ދެފުށް ކެހެރިކަން ބަޔާންކުރުން މަނާ ކުރާ ކޮންމެ މީހަކީ ޓެރަރިސްޓު އިޒްރޭލާއި އެމީހުންގެ ބައިވެރީންގެ އަނިޔާގައި ބައިވެރިވާ މީހެއްގެ ގޮތުގައި ޝެއިޚުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ފޯސްޓު ނިންމަވާލައްވަމުން ޝެއިޚު ވަނީ ލަސްޠީނުގެ ޙައްޤުގައި އަޑު އުފުލުމަށް އިއްޔެ ނިކުތް އަޚުންނާއި އުޚްތުންނަށް ހިތްވަރު ދެއްވާފައިއެވެ. އަދި އެކަމުގައި ޝެއިޚަށް ބައިވެރި ނުވެވުނީތީ ހިތާމަ ކުރައްވާ ހާލު ވަނީ الله ތަޢާލާ އެ ފަދަ ކަންކަމުގައި ބަިއވެރިވާ އެންމެހައި އަޚުންނާއި އުޚްތުންނަށް ޘާބިތުކަން ދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.
ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން އިންފަންޓީނޯ އާއި ރައީސް މުއިއްޒު ހިމެނޭހެން ހުކުރު ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ފުޓްބޯޅަ މެޗުގައި ފަލަސްތީނުގެ ދިދަ ވިހުރުވާލާ ފީފާއިން ސަހްޔޫނީން ބޭން ކުރުމަށް ދިވެހިން ވަނީ ގޮވާފައެވެ.
"ފީފާ އިން އިޒްރޭލް ބޭން" ޖަހާފައިވާ ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެން ތިބި ދިވެހިން ދަނޑުން ނެރުނު ސަބަބު ފުލުހުންނަށް ބުނެދެވިފައި ނުވެއެވެ.