މިފަހުން ނިންމި ބައެއް މައްސަލަތަކުގައި ގާނޫނީ ބޮޑެތި ގޯސްތައް ސުޕްރީމު ކޯޓުން ހެދިފައި އެބަހުރި ކަމަށް ރާއްޖޭގެ ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅެޅުއްވި މައްސަލައަށް އިޝާރާތްކުރައްވާ ޑރ. ޖަމީލު ވިދާޅުވީ، ސުޕްރީމް ކޯޓުން މިފަހުން ނިންމި ބައެއް މައްސަލަތަކުގައި ގާނޫނީ ބޮޑަތި ގޯސްތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ޓިކެޓްގެ މައްސަލަ ހިމެނޭ ކަމަށެވެ.
އެ ޙުކުމުގައި ހިމޭނޭ ގޯސްތަކުގެ ތެރޭގައި ކޯޓްގެ ކުރީމަތީ މައްސަލައެއް ނެތްކަމަށް ބުނުމަށްފަހު ބޮޑު ޙުކުމެއް ކުރުން، ދުސްތޫރީ މިޒާތުގެ ނިންމުމެއް އެކްސްޕާޓޭކޮށް އަޑުއަހާ ގޮތް ކަނޑައެޅުން، އޭޖީއަކީ އަމިއްލަ މަޞްލަޙަތު ހިމެނޭ މަޖްލިހުގެ ރުހުން ނެތް ފަރާތެއްކަމަށްވާއިރު މުޅި ދައުލަތުގެ މަސްލަޙަތު ތަމްސީލުކުރަން ފުރުސަތު ދިނުން ހިމެނޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ގޮނޑި ހުސްވެފައިވާ ޙާލަތަކީ ގާނޫނު އަސާސީގެ 78 ގައިވާގޮތުން އިންތިޚާބެއް ބޭއްވުން އިމްޕްސިބަލް ހާލަތެއްކަމަށްވާއިރު، އެހާލަތުގައިވެސް ހުސް ގޮނޑި ހިމަނަން ލާޒިމްކުރުމާއި އެކަށީގެންވާ ސަބަބާއި، ރަނގަޅު ނިޔަތް އެއީ ދުސްތޫރީ ސަބަބެއްކަމަށް ބެލުމުގެ އިތުރުން މަޖިލީހަކީ ސިޔާސީ ބޮޑީއެއްކަމަށްވާއިރު މަޖީހުގެ މަގްސަދަކީ ސިޔާސީ އަދި ދުސްތޫރީ ކަމެއް ނޫން ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވިދާޅުވީ މަޖިލީހުން ކަންކަން ނިންމުމުގައި އެކި މައްސަލަތަކުގައި އެކި އަޣުލަބިއްޔަތު ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނީ މުހިންމު ބޭނުމެއްގައި ކަމަށާއި އެގޮތަށް އޮންނަނީ ހައްސާސީ މައްސަލަތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން އެ ނިންމުންތަކުގައި ޝާމިލްކުރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއްގޮނޑި ތަމްސީލް ކުރައްވާ މެންބަރަކީ އެތައް ހާސް ރައްޔިތުންގެ މަސްލަހަތު ތަމްސީލްކުރާ މަންދޫބެއް ކަމަށާއި ޖަލްސާއަށް އެ މެންބަރަކު ހާޒިރުވިޔަސް އަދި ނުވިޔަސް އެ ރައްޔިތުންގެ މަސްލަހަތު އޮންނާނެކަން ވަނީ ފާހަގަކުރައްވާފައެވެ.