އެއްވެސް ކަމެއް ނުކުރެވޭއިރުވެސް ކަންކަން ކުރެވޭކަމަށް ދައްކަން މި ސަރުކާރުން އުޅެނީ އޮފުދާރުކުރަންކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށްޓަކައި ހެޔޮ ވެރިކަމެއް ކޮށްދޭނަމަ ރައްޔިތުން ކުރާނެ ޝަކުވާއެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް މި ވެރިކަމުގައި ކަންކަން ވަނީ އެހެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްފި ކަމަށްވަންޏާ ޕާފޯމެންސް އަންނާނީ އޭ ރިޕޯޓަކާ އެކީކަމަށެވެ. އެހެންނަމަވެސް، ކަންކަން މިދަނި އެފަދައިން ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޑިމޮކްރެސީގައި މި ބުނާ ގޮތަށް ރައްޔިތުންނަށް، ޕީޕަލް ސެންޓާޑް، ޕީޕަލް ސެންޓްރިކް ކަންތައްތަކެއް ކޮށްފި ކަމަށްވަންޏާ ޕާފޯމެންސް އަންނާނީ އޭ ރިޕޯޓަކާ އެކީ، އެކަމު މިއަދު ކިހިނެއްތޯ؟ މިއަދު ކޯއްޗެއްތޯ ޕާފޯމެންސްއަށް މި ފެންނަނީ؟ މިއަދު ޕާފޯމެންސްއަށް މި ފެންނަނީ ނުކުރެވި ހުންނަ ކަންތައްތައް ހުއްޓައި ކަންކަން ކުރެވޭ ކަމަށް ވާހަކަދައްކާފައި އޮފުދާރު ކުރާތަން މި ފެންނަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެތައް ސަތޭކަ ސިޔާސީ މުވައްޒަފުންނަކަށް މުސާރަ ދީފައި ސަރުކާރުން ތިބެނީ ސަރުކާރުގެ ނަން އޮފުކުރަން ކަމަށެވެ. އެހެންނަމަވެސް ޕީއެންއެފްއިން ނުކުމެ ތިބީ އެކަން ހުއްޓުވުމުގެ މަސައްކަތް ކުރަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ އަމަލުތައް ހުންނަ ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާ ރައީސް ޔާމީން ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެކަމަށް ވިދާޅުވެފައެވެ.