1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވީ ބުރާސްފަތި ދުވަހަށް ދިވެހިންނަށް ޚާއްސަކޮށް ވެރިކަން ކުރާ ރަށް، މާލެއަށް އަލިވިލުނަސް އެއީ ދިވެހީންނަށް އަނދިރި ކަޅު ދުވަހެެކެވެ. އެއީ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަމެއް ވައްޓާލަން އުދުވާނީ ހަމަލާއެއް ދިން ހިތާމަވެރި ދުވަހެކެވެ. ފަހަތުގައި ތިބީ ދިވެހީންގެ ތެރެއިން ޚާއިނުންތަކެވެ. ނަމަވެސް އަސްލު މުގޫ ހޯދިފައި އަދިވެސް ނުވެއެވެ.
އެދުވަހުގެ ފަތިހު 4:24 ހާކަން އިރު ސިފައިންގެ އާ ދިމާލުން ދިން ހަމަލާގެ ރައްދު ދިނީ ޒުވާން ޝަހީދު ކޯޕްރަލް ހުސެއިން އާދަމްއެވެ. އެ ހަމަލާ ވެގެން ދިޔައީ ދުޝްމަނުންނަށް ލިބުނު ކުއްލި ސިހުމަކަށެވެ. އެއީ އެމީހުންނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު ދިވެހި ސިފައިންނަކީ އެހާ ހުށިޔާރު ބަޔަކަށްނުވުމެވެ.
ނަމަވެސް އެ ދުވަހު ދިވެހި ސިފައިން ދެއްކީ އެމީހުންގެ ގާބިލުކަމާ ކެރުންތެރިކަމެވެ. މުޅި ދުވަހު ދިވެހި ސިފައިންގެ ހިކުމަތުން ގައުމުގެ މިނިވަންކަމަށް ބުރޫ އެރިޔަ ނުދީ ހިފެހެއްޓީ އަމިއްލަ ނަފްސުތައް ގުރުބާން ކުރަމުންނެވެ. މި ބިމަށްސ އެ މާތް ހަށިތަކުގެ ލޭ އޮހޮރުވާލީ އެމީހުންގެ ދަރިންނާ އަންނަން އޮތް ޖީލުތަކަށް މިނިވަންކަން ރައްދުކޮށްދޭން ބޮޑުތަކުރުފާނާ ދޮންބަންޑާރައިންނާ އަލިރަސްގެފާނުމެން ފަދަ ބަތަލުން ކުރެއްވި ވަސިއްޔަތް ފުރިހަމަ ކުރުމަށެވެ.
ދިވެހި ސިފައިން ކުރި މިންނެތް މަސައްކަތުން އަހަރުމެންގެ ގައުމަށް އެ ދުވަހުގެ އެހާދިސާއިން ނަސްރު ލިބިގެން ދިޔައެވެ. ނަމަވެސް މިހާ ހިސާބަށް ގައުމު ދަތުރުކުރިއިރު ބައެއް ސިޔާސީ ފަރާތްތަކުން ގައުމުގެ ޒުވާން ޖީލުތަކަށް ވިސްނައިދޭން މަސައްކަތްކުރަމުން ދަނީ އެ ދުވަހު ދިވެހިން ސިފައިން ތިބީ ފިދަނަތަކެއްފަދައިން ފިލާ ކަމުގައެވެ. މި ގައުމު ސަލާމަތްކުރީ އިންޑިއާ ސިފައިން ކަމެވެ.
މިހާ ހިސާބަށް ކަންކަން ދިއުމުން ނުދައްކާ ހުރި ބައެއް ވާހަކަތައް ތިލަކުރަން މަޖްބޫރުވެއެވެ. އެގޮތުން 3 ނޮވެމްބަރު މުޅި ހާދިސާއަށް ބަލާއިރު އެއީ ލަންކާގެ ޕްލޮޓު ޖަމާއަތުގެ ރޭވުމެއް ކަމަށް އޮތްއޮތުމަކީ އެންމެ ރަގަޅު މައުލޫމާތު ކަމަށް ބުނެވިދާނެތޯ މިއީ އުފެއްދޭ ސުވާލެކެވެ. އެގޮތުން އެ ދުވަހު ތަމަލާއިންގެ ތިން ބޯޓު ރާއްޖެ އައި ކަމަށް ބުނާއިރު، އެ ބޯޓުތަކާ އަދި ފުރައިގެން ތިން މީޯހަކު ދިޔަ ކަމަށް ބުނާއިރު އެ ޑިންގީ ވެސް ކަނޑު މަތިން ހިފާ ހައްޔަރު ނުކުރެވުނީ ކީއްވެތޯއެވެ؟ އިންޑިއާގެ ކަނޑުގެ ސިފައިން މަނަވަރުތަކުގައި ހަރަކާތްތެރިވަމުން ދިޔައިރު އެމީހުންނަށް ނުފެނި ރާއްޖެ ސަރަހައްދު ދޫކޮށް ކަނޑުމަގުން އެއްވެސް ބަޔަކަށް ދެވިދާނެބާއެވެ؟
މީގެ އިތުރުން މުޅި އުދުވާން ރާވާ ހިނގީވެސް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ބަޔަކު ތަމްރިނު ކުރަމުން ލަންކާގައި ކަމަށް އަޑުތައް ގަދަވެފައިވާއިރު، މުޅި ހާދިސާގައި އިންޑިއާ ސިފައިންގެ އެހީތެރިކަމަށް އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އެދިވަޑައިގެންނެވުމުން ފޮނުވި ސިފައިން ރާއްޖެއިން އޭރު ފޭބިތޯއާ ނުފައިބާނަމަ ދެއްކީ ކޮން ބަހަނާއެއްތޯ ވެސް ބަލަން ޖެހެއެވެ. 50 މިލިއަން ރުފިޔާގެ ބަދަލު އެމީހުންނަށް ދޭން ޖެހި ގައުމީ ޝިޕިން ލައިންގެ ބޯޓުތައް ވިއްކާ އެ ފައިސާ ހަމަކުރަން ޖެހުނުތޯ މިއީ ފަތްފުށްތައް ހާވާ ސަރުކާރުގެ ހިސާބު ކިތާބުތަކުން ހޯދަން ޖެހިފައި ހުރި ސިއްރު މައުލޫމާތެވެ.
އިންޑިއާގެ ބައިވެރިވުން މި އުދްވާން ދިވެހިރާއްޖެއަށް ދިނުމުގައި އެންމެ އަޑީގައި އޮތީ އިންޑިއާއޭ ބުނަން ހާލަތު މެދުވެރިވާއިރު، އިންޑިއާއަކީ އިނގިރޭސީންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ދޭން ދެބަސްވި ގައުމުކަމަށްވެފައި އެ ދުވަހު ޑިންގީއެއްގައި ފުރައިގެން ދިޔައީ އިންޑިއާގެ ރޯ އަށް ނިސްބަތްވާ ތިން މީހުންކަން ވެސް ތަހުގީގަށްވެސް އެނގިފައި އެބައޮވެއެވެ.
އެހެންކަމުން މިއީ ބަޑި ބުރާސްފަތި މިގައުމުގެ ރައްޔިތުން ތަހައްމަލުކުރިއިރު އެންމެ އެކުވެރި ބޮޑު ބޭބެ ކަމަށް ދައުވާ ކުރި މީހުންގެ ނުފޫޒު އެންމެ ކުރީއްސުރެ އަހަރުމެންގެ މިނިވަންކަމާ އިސްތިގުލާލަށް ފޯރަމުންދާކަން ހާމަކޮށްދޭ ކަންކަމެއް ނޫންތޯއެވެ؟