ގިނަ އަދަދެއްގެ ޑްރަގު ބަރުކޮށްގެން ދަނިކޮށް ސްރީ ލަންކާ އިން އަތުލައިގަތް ބޯޓަށް ޑްރަގް ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށް ފެތުރުނު ޚަބަރު ފުލުހުން ދޮގު ކޮށްފިއެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ ރާއްޖޭގެ ފުލުހުން މިއަދު ބުނީ 355 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓަކީ ރާއްޖޭގެ ސަރަަހައްދުން މަސްތުވާތަކެތި ބަރުކުރި ބޯޓެއް ނޫންކަން ލަންކާގެ ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
“ސީދޭވީ” ގެ ނަން ދީފައިވާ އެ ބޯޓަށް މަސްތުވާތަކެތި އެރުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެ ބޯޓުގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބޯޓު އަތުލައިގަނެ ފާސްކުރި އިރު 250 ކިލޯއަށް ވުރެ ގިނަ ކްރިސްޓަލް މެތާއި 85 ކިލޯގެ ހެރޮއިން ފެނިފައިވެ އެވެ. ލަންކާ ފުލުހުން އަންދާޒާކުރާ ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ފަސް ބިލިއަން ރުޕީސްއަށް އަރާނެ އެވެ.
މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އުޅަނދުގެ ވެރި ފަރާތް ވެސް ހިމެނޭއިރު އެއްވެސް ދިވެއްސެއް ހިމެނިފައިނުވެއެވެ.