
ސްރީލަންކާގެ ދެކުނުގައި އޮންނަ މަޓާލާ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް (MRIA) އެމެރިކާގެ އަސްކަރީ ދެ ފައިޓަރ ޖެޓް ޖެއްސުމުގެ ހުއްދައަށް އެދުމުން، އެކަމަށް ސްރީލަންކާ ސަރުކާރުން ދެކޮޅު ހަދައިފިއެވެ.
ރައީސް އަނޫރާ ވިދާޅުވި ގޮތުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ލަންކާގެ ބިމަށް ތިރިކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ނަމަވެސް، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަން އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާއިން އެދުނީ ތެޔޮ އެޅުމަށާއި މަރާމާތުގެ ބައެއް ކަންކަމަށް މަޓާލާ އެއާޕޯޓް ބޭނުންކުރުމަށެވެ. ނަމަވެސް، ރައީސް އަނޫރާގެ ސަރުކާރުން ވަނީ ލަންކާއަކީ ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމަކަށް ވާތީ، ބޭރުގެ އަސްކަރީ ހަރަކާތްތަކަށް ލަންކާގެ ބިން ބޭނުންކުރުމުގެ ހުއްދަ ނުދެވޭނެކަން ސަރުކާރުން ވަނީ އަންގާފައެވެ.
މިއީ އަނޫރާ ކުމާރާ ޑިސަނާޔަކޭ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބޭރުގެ ބޮޑު ބާރަކުން ހުށަހެޅި މިފަދަ ކަމަކަށް ނޫނެކޭ ވިދާޅުވި ފުރަތަމަ ފަހަރެވެ. މި ނިންމުމާއެކު، ލަންކާގެ އާ ސަރުކާރުން ގައުމީ ސަލާމަތާއި މިނިވަންކަން ދެމެހެއްޓުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތު ހާމަވެގެން ގޮސްފައިވާ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މަޓާލާ އެއާޕޯޓަކީ ސްރީލަންކާގެ ހަމްބަންޓޯޓާ ސަރަހައްދުގައި އޮންނަ، ބައިނަލްއަގުވާމީ ދަތުރުފަތުރުތަކަށް ބޭނުންކުރާ އެއާޕޯޓެކެވެ. މީގެ ކުރިންވެސް މި ސަރަހައްދުގެ ބަނދަރާއި އެއާޕޯޓާ މެދު ބޭރުގެ އެކި ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.










