March 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ލަންކާއިން ޚަރަދުކުޑަކުރުމުގެ ފިޔަވަޅު އަޅައިފި: ބުދަ ދުވަސް ސަރުކާރު ބަންދު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 17, 2026, 11:53 AM
މާލެ ސިޓީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ދިގުލައިގެން ގޮސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސްރީލަންކާގެ ސަރުކާރުން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިއަދު ކަނޑައަޅައިފިއެވެ.

Advertisement

ސްރީލަންކާ ސަރުކާރުން ނިންމާފައިވާ މި ނިންމުމާއެކު، ދައުލަތުގެ އިދާރާތައް ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. ލަންކާގެ ކޮމިޝަނަ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް ޕްރަބާތު ޗަންދުރަކީރްތީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ބަދަލާ އެކު ދައުލަތުގެ މުއައްސަސާތައް ދެން ހުޅުވާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ ތެލުގެ އަގުބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ހަރަދުތައް ކުޑަކުރުމަށާއި، ހަކަތަ އިގްތިސާދު ކުރުމުގެ މަގުސަދުގައެވެ. މިއީ އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެޅި ވަގުތީ ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ޗަންދުރަކީރްތީ އިތުރަށް ވިދާޅުވި ގޮތުގައި، މި އާ އުސޫލަށް އަމަލުކުރަން ފަށާނީ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ސަރުކާރުން ވަކި ގޮތެއް ކަނޑައަޅަންދެން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ގައުމުތަކުގެ ތެރޭގައި ސްރީލަންކާ ހިމެނޭއިރު، މި ފިޔަވަޅަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ގައުމުގެ އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved