ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު ލިބޭ ކަމަށާއި ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެއެވެ.
ލަންކާގެ ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ވިސާގެ ކަންކަން ފަސޭހައިން މިހާރު ކުރެވެނީ އޭޖެންޓެއް މެދުވެރިކޮށެވެ.
ދިވެއްސަކު އަމިއްލައަށް ވިސާ އަށް އެޕްލައިކޮށްފި ނަމަ ވިސާ ލިބުމުގައި ދިގު މުއްދަތެއް ހޭދަވެ، އުނދަގޫތައް ކުރިމަތިވެ އެވެ. އެކަން އެގޮތަށް ކުރަނީ އޭޖެންޓުން ފަރާތުން އިމިގްރޭޝަން އޮފިޝަލުންނަށް މާލީ ފައިދާތަކެއް ކުރާތީ ކަމަށް ސަފީރު ތުހުމަތުކުރެއްވިއެވެ.
ސަފީރު ވިދާޅުވީ ތައުލީމު ހާސިލްކުރުމަށާއި ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން ކުރިން އެންމެ ގިނައިން ދަތުރުކުރީ ލަންކާ އަށް ކަމަށް ވިޔަސް، މިފަދަ މައްސަލަތަކުގެ ސަބަބުން ދިވެހިން ލަންކާއަށް ދާވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ލަންކާގެ އިމިގްރޭޝަންގެ އޮފީސް ތެރޭގައި ދިވެހިންނާ ދިމާލަށް އޮފިޝަލުން ހަޅޭއްލަވައި، ހަޑިހުތުރު ބަހުން މުއާމަލާތްކުރާ ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ބޮޑުވީ އީސްޓަ ސަންޑޭގެ ހަމަލާގެ ފަހުން ކަމަށް ވާތީ، އެ ހަމަލާގެ ފަހުން ރާއްޖެއަކީ ލަންކާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ގައުމެއް ކަމަށް ކަނޑައެޅީތޯ ސާފުކުރަން ލަންކާގެ ކަމާ ބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ ލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ވިސާގެ މުއްދަތު ހަ މަހުން އެއް އަހަރަށް މިހާރު ބޮޑުކޮށްދީފައިވީނަމަވެސް އެއް އަހަރުގެ ވިސާ ދެނީ ލަންކާގެ ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް) އިން ޓެރަރިޒަމްގެ ކަންބޮޑުވުންތަކާ ގުޅޭ އެސަސްމެންޓެއް ފުުރިހަމަ ކުރުމަށް ފަހު ކަމަށެވެ.