March 16, 2026
Advertisement
-
- / ތޭރަ އޮންލައިން

ހުރިހާ ކަމެއްގެ ބޮޓަމް ލައިނަކީ ފައިސާއެއް ނޫން، ޕީއެންއެފެއް ނުގަނެވޭނެ: ރައީސް ޔާމީން

Nov 6, 2025, 12:34 AM
މާލެ ސިޓީ

ހުރިހާކަމެއްގެ ހައްލަކީ ފައިސާ ނޫން ކަމަށާ ނަފްސު ވިއްކާލާ މަދު ބައެއްގެ މެދުގައި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ލީޑަރޝިޕާ މެމްބަރުން ނުވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ އެ ޕާޓީގެ ސެނެޓުގެ އިންތިހަބާ ދިމާކޮށް އެ ޕާޓީގެ ތެރެއަށް އެހެން ޕާޓީތަކުން ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ގައުމުގައި ސަރުކާރުން ރިޝްވަތުގެ ހުުތުރު ފައިސާ ދީގެން ހުރިހާ އެންމެންގެ ދޫ ބަންދުކުރަން މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިވަން މުއައްސަސާތަކާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން އެންމެ ފަހަށް ސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އޮތް މީޑިޔާވެސް ފައިސާ ދީފައިވާ ސަރުކާރުން ގަންނަކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރިޝްވަތު ނަގައިގެން ތިބި ބަޔަކު ރައްޔިތުންގެ ހައްގުގައި ބަސް ނުބުނާނެ ކަމަށެވެ.

ނަމަވެސް ޕީއެންއެފުން ކުރަނީ ގައުމީ މަސައްކަތެއް ކަމަށާ އެމަނިކުފާނު ޕީއެންއެފުގެ ހުންގާނުގައި ހުންނަވާ ކުރައްވާ ދަތުރުގައި ވަފާތެރި ފަޅުވެރިންނާ އެކު ނުކުމަވަޑައިގެން ގައުމާ ރައްޔިތުން ސަލާމަތުގެ އައްސޭރިއަށް ވާސިލުކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބަދަލަކަށް އެދި ރައްޔިތުން ގެނައި ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފާއިތުވި ސަރުކާރަށް ވުރެވެސް ގޯސް ކަމަށާ އެއާއެކު މިއަދު ރައްޔިތުންގެ އުއްމީދު ގެއްލި މާޔޫސްވެފައިވާ ކަމަށެވެ. އެހާ ހިސާބުން ދެން ރައްޔިތުން ބަލާނީ ރައްޔިތުންގެ ޝަކުވާތަކަށް ތަސައްލީ ގެނެސްދޭނީ ކޮން ބަޔަކުތޯ ކަމަށާ އެ ބަޔަކީ ފަޅުތަކާ ގިރިތަކާ އަމިއްލަ އެދުމުން އެއްކިބާވެ ތިބެ މަސައްކަތްކުރާ ބަޔަކަށް ވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފުން ނުކުމެތިބީ ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved