ޕީޕަލސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ގެންދާ މައްސަލައަށް ހައްލު ނުލިބޭތީ ކަމާ ގުޅުން ހުރި އިދާރާތައް ޖަވާބުދާރީ ކުރުވާން އެ ޕާޓީއިން ނުކުންނާނެކަން ހާމަކޮށްފިއެވެ.
ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕާޓީގެ ނައިބު ރައީސް ޒެއިން އަބްދުﷲ ޔާމީން ވިދާޅުވީ، ޕާޓީގެ ވަގުތީ ރައީސްގެ މަގާމުގައި އެމަނިކުފާނު ހޭދަ ކުރެއްވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް އެ މެމްބަރުން ގެންދިއުން ކަމަށެވެ.
އޭރު އިލެކްޝަން ކޮމިޝަނަށް އެ މައްސަލަ ހުށަހެޅުމުން އީފާސްއަށް ޕާޓީއަށް ވަންނަ ސިސްޓަމް ބަދަލުކުރާނެކަމަށް ހާމަކުރި ކަމަށާ އެއާއެކު އެކަމަށް ހައްލު ލިބިގެންދާނެ ކަމަށް އީސީ ވިދާޅުވި ކަމަށް ޒޭން ވިދާޅުވެފައިވެއެވެ. ނަމަވެސް އީފާސްގެ ނިޒާމު ތައާރަފުވި ފަހުން ވެސް އެކި މީހުންނަށް ނޭނގި އެމީހުން ޕާޓީތަކަށް ގެންގޮސްފައިވާކަން ވެސް ޒޭން ފާހަގަކުރައްވާފައިވެއެވެ
ޒޭން ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތަކުގެ އީސީއާ ހަވާލުވެފައި އޮތް ޒިންމާއާ މެދު އިހުމާލުވެފައިވާވުމުގައި ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާ ޖަވާބުދާރީ ކުރުވުމުގެ ހިތްވަރުވެސް ހުންނާނެ ކަމަށެވެ. ޒޭން ވަނީ ޕާޓީއަށް ޕެމްބަރުން އިތުރުކުރުމުގެ މަސައްކަތް އައު ޖޯޝަކާއެކު އަނެއްކާވެސް ފަށާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ޒޭން މިފަދައިން ވިދާޅުވެފައިވާއިރު، އިލެކްޝަން ކޮމިޝަންއިން ސިޔާސީ ޕާޓީތަކަށް ވައްދާ މީހުންގެ ސައްހަ މައުލޫމާތު ބަލާ ކަށަވަރު ނުކުރާ ކަމަށާ އޭގެ ސަބަބުން ބުރަ މަސައްކަތްކޮށްގެން މެމްބަރުން އިތުރުކުރާ ޕާޓީތަކަށްވާ ގެއްލުން ބޮޑުވާތީ އާ ޕީއެންސީ ފަދަ ޕާޓީތަކުން ޑީއެންއާރުން ވައްކަންކޮށް މެމްބަރުން އިތުރުކުރިކަން ސީދާ އީސީއަށް އެނގޭއިރު އެކށީގެންވާ ފިޔަވަޅު އަޅާފައިނުވާ ވުމުން، އިލެކްޝަން ކޮމިޝަނާ ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރެވޭ ކަމާ މެދު ސުވާލު އުފައްދަވާ ޕީއެންއެފުގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވަނީ އިސީއަށް އެ ޕާޓީގެ ވަފްދެއް އެކަންކަމާ މެދު ޖަވާބު ހޯދަން ދާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.