ބިޑަކާއި ނުލައި 2.7 ބިލިއަން ރުފިޔާގެ 206 ޕްރޮޖެކްޓު ބަހާލުމަށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބެލުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގޮވާލައިފިއެވެ.
މި 206 ޕްރޮޖެކްޓް ބަހާލައިފައިވަނީ އެއްވެސް އުސޫލަކާއި ނުލައި ސިޔާސީ މަންފާތައް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުގެ ފާޑުކިޔުން ރައީސް މުއިއްޒަށް އަމާޒުވެފައިވެއެވެ.
މީގެ ތެރެއިން، ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރީ ސަރުކާރާއި ގުޅުން އޮންނަ ކުންފުނިތަކަށާއި ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ގުޅުން އޮންނަ ކުންފުނިތަކަށެވެ. ޕީއެންސީއަށް ނިސަބަތްވާ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެއެވެ.
މިއީ ކަނޑައެޅިގެން ކޮރަޕްޝަން ހިމެނިގެން ނިންމާފައިވާ ނިންމުންތަކެއް ކަމަށާއި މިކަން އޭސީސީ އާއި އޮޑިޓު އޮފީހުން ވެސް ބަލަން ޖެހޭ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެ މައްސަލަ ގެންގޮސް ބެލުމަށްވެސް އަމީރު ގޮވާލާފައިވެއެވެ.
މި ސަރުކާރު ބަދަލުވެގެން ދެން އަންނަ ސަރުކާރުތަކުން ވެސް މި މައްސަލަތައް ބަލައި، މި މައްސަލަތައް ރަނގަޅަށް ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިގެން ދާނެ ދުވަސް ރާއްޖޭގެ ރައްޔިތުންނަށް ފެނިގެން ދާނެ
ޕްރޮޖެކްޓްތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތް އަދި އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެތް ނެތް ކުންފުނިތައް ވެސް ހިމެނެ އެވެ.