
ލޯކަލް ގަވަންމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރައްވައިފިއެވެ.
ރައީސް މުހައްމަދު މުއިއްޒު އޭނާ އެ މަގާމަށް އައްޔަންކޮށްފައިވަނީ، މިއަދުގެ ވަގުތެއްގައެވެ. އެލްޖީއޭގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު، ރައީސް މުއިއްޒު ވަކިކުރުމުންނެވެ. އަދި އެ މިނިސްޓްރީ ވަނީ އުވާވެސްލައިފައެވެ.
މި ސަރުކާރުން ވަނީ ގާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުވާލާފަ އެވެ. އޭގެބަދަލުގައި ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ގާއިމްކޮށް ސިޔާސީ މުވައްޒަފުން އެތަނަށް ލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ސަރުކާރުގައި އެލްޖީއޭގެ ސީއީއޯގެ މަގާމު ވެސް ދެ ފަހަރެއްގެ މަތިން ބަދަލުކުރިއިރު ފުރަތަމަ ހުންނެވީ ޑރ. މަރިޔަމް ޒުލްފާއެވެ. އެއަށްފަހު މިހާރު ހުންނެވީ ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލެވެ.










