ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމުގައި ފަހަތު ފަޔަށް ބުރަވެ ތިބި ދިވެހި ސަރުކާރުން، ފަލަސްތީނާއެކު ދެމިތިބޭނެކަމަށް ބުނާބުނުން ތަކުރާރުކޮށްފިއެވެ.
އެގޮތުން ފަލަސްތީނުގެ ބިންތައް ހިފާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލް އިން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ތަގުރީރު ކުރަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއް ނުވެ ފަލަސްތީނާއެކު ރާއްޖެ ދެމި އޮންނާނެ ކަމަށް ވިދާޅުވެފައެވެ.
ޒަމީރު ވިދާޅުވީ ވަކި ޤައުމެއް ނުވަތަ ޤައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާއެއް ކަމަށެވެ. އަދި ހަނގުރާމަ ވަގުތުން ހުއްޓާލައި، ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. އަދި، ރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއްނުވެ ފަލަސްތީނާއެކު ތިބޭނެކަމުގެ ޔަޤީންކަން ވެސް އެރުވިއެވެ.
މީގެ އިތުރުން މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުން ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވަނީ ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފައިވާތީ، އެކަން ވެސް ކުށްވެރިކުރައްވާފައެވެ.
ޒަމީރު މިފަދަ ތަގްރީރެއް ދެއްވާފައިވީ ނަމަވެސް މިއީ ހަަމައެކަނި ބުނެލާ ބުނެލުމެއްކަން ސަރުކާރުގެ އަމަލުަތއް ހުރި ގޮތުން ވަނީ ހާމަވެފައެވެ. އެގޮތުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަކީ ނިރުބަވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކަށް ރާއްޖެއިން ދެވޭނެ އެްނެމ ވަރުގަދަ ރައްދުކަމަށްވާއިރު އެކަން ނުކޮށް ސަރުކާރުން ދިގި ދަންމަމުން ދިއުމަކީ އެކަމުގެ ހެކި ކަމަށް ގިނަ ބަޔަކު ބުނެއެވެ.