ރާއްޖޭގެ މައި ދޮރާށި, ދިވެހީންގެ އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ވިއްކާލި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ ވިއްކަންކަމަށް ބުނެފިއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރައްވާފައި ވަނީ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައިއެވެ.
ނަޝީދު ވިދާޅުވީ ކާގިލް ފައިނޭންޝަލް ސާވިސްއަށް ބޮޑު އިންޓަރެސްޓެއްގައި ބޮންޑެއް ވިއްކައިގެން ބަޖެޓަށް ފައިސާ ހޯދުން ރަނގަޅު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ސުކޫކު ދެއްކުމަށް ލޯނު ނުނަގާ އެއާޕޯޓު ހިއްސާ ވިއްކައިގެން ލިބޭ ފައިސާ ސުކޫކު ދައްކަން ބޭނުން ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދައްކާ ހަލާސް ކުރަން ޖެހެނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިންނެވެ.
އަންނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި އެއްފަހަރާ ދައްކަން ޖެހޭ އެންމެ ބޮޑު އަދަދަކީ 2018 އަދި 2019ގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކެވެ.
މީގެކުރިން އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ މައި ދޮރާށި އިންޑިއާގެ ޖީއެމްއާރަށް ވިއްކާލުމުން ރައީސް އަބްދުالله ޔާމީން ވަނީ އެތައް މިލިއަނެއް ދިނުމަށްފަހު ދިވެހިންނަށް ދިވެހީންގެ އެއާޕޯޓު އަނބުރާ ހޯދައި ދެއްވާފައެވެ.