March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފެނު އަޑީގައި ހަދާ ޓަނަލް ނެހެދިގެން އުޅެނިކޮށް ފެނުގެ މަތިން އުދުހޭ ބޯޓެއް ރާއްޖެއަށް ގެންނަނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 9, 2025, 07:39 PM
މާލެ ސިޓީ

މިހާރުގެ ސަރުކާރުން ފެއްޓެވި މި ސަރުކާރުގެ މެޖަ ޕްރޮޖެކްޓް ކަމަށްވާ “ރަސްމާލެ” ހިއްކާ މާލެ ސިޓީއާއި ގުޅުވާލާނީ އަންޑަވޯޓާ ޓަނަލްއަކުން ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު މި މަޝްރޫއު މިހާރު ވާނުވާ ޖަހާފައި އޮތްވާ ފެނުގެ މަތިން އުދުހޭ ބޯޓެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

Advertisement

އިލެކްޓްރިކް ވެހިކަލްތަކާ ގުޅޭ މައުލޫމާތު ގެނެސްދޭ މަޝްހޫރު "އިލެކްޓްރިވް" ވެބްސައިޓުގައި އިއްޔެ ރިޕޯޓުކޮށްފައި ގޮތުގައި، ރާއްޖޭގެ ޓުއާ އޮޕަރޭޓަރު، އީގޯ ޝަޓުލް އިން ވަނީ "ކެންޑެލާ ޕީ-ޓުވެލް" މޮޑެލްގެ 10 ބޯޓަށް އޯޑަރު ދީފައެވެ.

މި ބޯޓުތައް ރާއްޖެ ގެނެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ކައިރި ރިސޯޓުތަކާ ދެމެދު ދަތުރު ކުރާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކެންޑެލާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި ބޯޓުތަކުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު 80 އިންސައްތައަށް ކުޑަކޮށްދެއެވެ. ބެޓަރީގެ އެހީގައި ދުއްވާ މި އިލެކްޓްރިކް ބޯޓުތަކަށް ތެޔޮ އެޅުމުގެ ބޭނުމެއް ނެތުމުގެ ސަބަބުން ޖައްވަށް ދޫކޮށްލެވޭ ކާބަންގެ މިންވަރު ވެސް ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ.

ސަރުކާރުން އެކި ނަން ނަމުގައި ބޮޑެތި މަޝްރޫއުތައް އިއުލާންކުރައްވާ ދުވަސްކޮޅެއްގެ ތެރޭގައި މި މަޝްރޫއުތައް ހުއްޓި ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ލުއި ފަސޭހަ “ރިއަލިސްޓިކް” މަޝްރޫއުތައް ހިންގުމަށް އާންމުން އަބަދުވެސް އަންނަނީ ގޮވާލަމުންނެވެ.

އިލެކްޓްރިވް އިން ބުނި ގޮތުގައި، ސްވިޑަންގެ ސްޓޮކްހޯމްގައި މިހާރު ވެސް އާންމު ދަތުރުފަތުރުގައި "ޕީ-ޓުވެލް" ބޭނުން ކުރެއެވެ. ރާއްޖެއަށް މި ބޯޓުތައް ގެނައުމުގެ ކުރިން ވެސް، އިންޑިއާ އާއި ތައިލެންޑުން ވެސް މިހާރު ވަނީ މި ބޯޓުތަކަށް އޯޑަރު ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved