ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ފެނުނު ސްރީލަންކާގެ މަސް ބޯޓު، 2025 ނޮވެންބަރު 7 ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ފެނުނު ސްރީލަންކާގެ މަސް ބޯޓު 2025 ނޮވެންބަރު 7 ވަނަ ދުވަހު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށާއި އެ އުޅަނދު ރާއްޖޭގެ ސަރަޙައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި، ޤާނޫނާއި ޤަވާއިދާ ޚިލާފަށްކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، "އަވިޝްކާ ޕުތާ" އޭ ކިޔުނު އެ އުޅަނދު އެމްއެންޑީއެފުން ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 5 ފަޅުވެރިން 2025 ނޮވެންބަރު 9 ވަނަ ދުވަހު ފުލުހުންނާ ޙަވާލުކޮށްފައިވާކަމަށެވެ.
މީގެއިތުރުން، 2025 ނޮވެންބަރު 10 ވަނަ ދުވަހު ކޯޓު ޢަމުރެއްގެ ދަށުން އެ އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އާއި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތިކަމަށް ފުލުހުން ބުންޏެވެ.
ހަމައެއާއެކު، މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ 5 މީހުން ހައްޔަރުކޮށްފައިވާކަމަށާއި އެއީ 39، 42، 28، 34 އަދި 63 އަހަރުގެ 5 ފިރިހެނުންކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ސްރީލަންކަން ނޭވީ އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ތަޙުޤީޤު ކުރަމުންދާކަމަށެވެ.