
ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ކަމަށް ބުނެ ވެރިކަން ކުރާ ޕީއެންސީގެ ހައިބަތާއި ރައީސް މުއިއްޒަށް އޮތް ތާއީދު ދައްކުވަން ރާއްޖޭގެ އެކި ހިސާބުތަކުން މަޖުބޫރުން މާލެއަށް މީހުން ގެންނަމުންދާތީ ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މިގޮތުން މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތައްހާސް ބަޔަކު ދިރިއުޅޭ ފުވައްމުލަކު ސިޓީގެ ރައްޔިތުން ފެނަށް ޖެހި ހާލުގައި އުޅެމުންދާކަން އެގި ހުރެ މުއިއްޒު އަންނަނީ ބޯގިނަ ކުރަން މީހުން މާލެ ނުގެނެވިގެން ކަމަށާއި މިއީ މުއިއްޒު ހިންގަމުން އަންނަ ވަރުގަދަ ޖަރީމާއެއް ކަމުގައެވެ.
ފުވައްމުލަކު ރައްޔިތުންނަށް ފެން ލިބުން ދަތިވެފައިވާތީ އެރަށު ރައްޔިތުން އަންނަނީ އެކަމާއި ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައިވާ ތާރީޚާއި ވަގުތާއި ހަމައަށްވެސް ފެން ރަނގަޅަށް ލިބޭނެ އިންތިޒާމް ސަރުކާރަށް ހަމަޖައްސުވައިދީފައިނުވާކަން ފާހަގަކުރެވެއެވެ.
އޭގެ ބަދަލުގައި ސަރުކާރުން އަންނަނީ މާދަމާ ބާއްވަން އުޅޭ ޖަލްސާއަށް މީހުން ގެނައުމުގެ މަސައްކަތުގައިކަން ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުން އަންނަ ޕޯސްޓްތަކުން ފެނިގެންދެއެވެ.
ޕާޓީގެ އަސްލު ސައިޒު ފެނިގެންދާނީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯއްދައިދެއްވާ ރައްޔިތުންގެ ހައްގުގައި އެމީހުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން އުޅުމުން ކަމަށް ބުނެ މަލީހް ވަނީ މުއިއްޒަށް ފާޑުވިދާޅުވެފައެވެ.










