
ރައީސް ޑރ މުހައްމަދު މުއިއްޒު އަބަދުވެސް މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ފޮރުވާ އޮޅުވާލަން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވުމުން ބޭއްވި ހަފްލާގައި ރައީސް މުއިއްޒުވަނީ ޗާގޯސް މައްސަލައިގައި ދިވެހިންނަށް ގެއްލުނު ކަނޑުގެ ސަރަހައްދު މިހާރު އަނބުރާ ހޯދާފައިވާ ކަމަށާ މިހާރު އެއީ ދިވެހިންގެ ތަނެއް ކަމަށް ވިދާޅުވެފައެވެ. އެ ވާހަކަތަކަށް އިޝާރާތްކުރައްވާ މަލީހު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
މަލީހު ވިދާޅުވީ ކަންކަމުގައި އެހެން މީހުން ދޮގު ހަދާ ކަމަށާ އެ ދޮގުތައް ލެވެލްކުރުމުގައި ރައީސް އަވަދިނެތި އުޅުއްވާއިރު ރައީސްވެސް ގެންަވަނީ ބުހުތާނަށް ވުރެ މަތިން ދޮގުން ހަދަމުން ކަމަށެވެ. އެ ދޮގުތަކަކީ ކައްޒާބު ދޮގުތަކެއްގެ ގޮތުގައި ސިފަކުރައްވާ މަލީހު ވިދާޅުވީ، ރައީސް މުއިއްޒު އަބަދުވެސް މަސައްކަތްކުރައްވަނީ ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ފޮރުވާ އޮޅުވާލަން ކަމަށެވެ..
އެމަނިކުފާނު ގެންދަވަނީ، ކޮންމެ ކަމެއްގައި ރައްޔިތުން ލޮލުގައި އަނދުން އަޅުވާ އޮޅުވާލަމުން ކަމަށް ތުހުމަތުކުރައްވާ މަލީހު ވިދާޅުވީ ކުޑަ ރަށެއްގެ ބައި-އިލްކެޝަނުން ކާމިޔާބު ލިބުމަކީ ހަދަމުންދާ ދޮގުގެ ލެވެލް ބަދަލުކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
ޗާގޯސް މައްސަލައިގައި ފެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ދިވެހިންނަށް ލިބިފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އިޓްލޮސްއިން އެންމެ ފަހުން ނިންމި ނިންމުމަށް ބަދަލުގެނައިކަން އަދި ހާމަކޮށްފައިނުވެއެވެ.
ރާއްޖޭގެ ދެކުނުން އޮތް ޗާގޯސްގެ ސަރަހައްދީ ކަނޑަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް އިން ކަނޑައެޅި ނިންމުމަށް ގޮންޖަހައި، އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަމަށް އިއުލާންކުރި ނަމަވެސް އެއީ އެ ސަރަހއްދު ރާއްޖެއަށް ލިބުން ކަމުގައި ނުބެލެވޭނޭއެވެ.










