ސަރުކާރުން އިސް ނަގައިގެން މައުލޫމާތު ހާމަކުރުން ދަށް ކަމަށް ބުނެފިއެވެ.
އިންފޯމޭޝަން ކޮމިޝަންގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކޮށްފައިވަނީ އެންމެ 0.75 އިންސައްތަ އިދާރާއިން ކަމަށާއި 47 އިންސައްތަ އިދާރާތަކުގައި ވެބްސައިޓެއް ވެސް ނެތް ކަމަށެވެ.
އެގޮތުން އެ އިދާރާއިން ބުނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރާ ދެމެދު ކުރި ދިރާސާއެއްގެ ދަށުން ދައުލަތުގެ 935 އިދާރާއެއް ބެލިއިރު ގާނޫނުން ލާޒިމްކުރާ ހުރިހާ މާއްދާއެއް ޝާއިއުކުރީ އެންމެ ހަތް އިދާރާއިން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެ ސިޓީ ކައުންސިލަކާއި، ހަތަރު މިނިވަން މުއައްސަސާއެއްގެ އިތުރުން ޑްރަގު ކޯޓު ކަމަށް އައިކޮމް އިން ބުނެފައިވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ، މި ދިރާސާއިން ވެސް ފާހަގަވި މައިގަނޑު އެއް ކަމަކީ ގާނޫނުން މައުލޫމާތު ހާމަކުރުން ލާޒިމުކުރި ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ޕްރެކްޓިސް އިދާރާތަކުގައި ނެތުމުން ހާމަކުރުމުގެ ސަގާފަތައް ހޭނުމަށް ދަތިތަކެއް ހުރިކަން ކަމަށެވެ.
އެންމެ މަދުން ވެބްސައިޓުތައް ހުރި ދާއިރާއެއްގެ ގޮތުގައި އެ އޮފީހުން ފާހަގަކޮށްފައިވަނީ ސިއްހީ ޚިދުމަތްދޭ، ދައުލަތުގެ އިދާރާތަކެވެ. އެގޮތުން ސަރުކާރުގެ 22 ހޮސްޕިޓަލެއްގެ ތެރެއިން ވެބްސައިޓު ގާއިމު ކޮށްފައިވަނީ ނުވަ ހޮސްޕިޓަލެއްގައި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އަދި، 164 ސިއްހީ މަރުކަޒުގެ ތެރެއިން އެއްވެސް މަރުކަޒަކަށް ވެބްސައިޓު ގާއިމު ކުރެވި ބެލެހެއްޓިފައިނުވާކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބުނި ވަކިވަކި އިދާރާތަކަށް ބަލާއިރު، ހުރިހާ މިނިސްޓްރީއެއްގައި ވެސް މައުލޫމާތު ޝާއިއުުކުރާ ވެބްސައިޓެއް ހުރި ކަމަށެވެ. ނަމަވެސް މިނިސްޓްރީތަކުގެ ދަށުން ހިންގާ 53 އިދާރާއެއްގެ ތެރެއިން ވެބްސައިޓު ހުރީ 40 އިދާރާއެއްގައިކަން ވެސް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ޝަރުއީ ދާއިރާގައި ވެސް ހުރިހާ އިދާރާއެއްގައި ވެބްސައިޓު ހުރި ނަމަވެސް ޝާއިއުކުރަން ޖެހޭ މައުލޫމާތު ޝާއިއުކޮށްފައި ހުރީ ހަމައެކަނި ޑުރަގު ކޯޓުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ، އެހެން އިދާރަތަކާއި އަޅައިބަލާއިރު މިނިވަން މުއައްސަސާތަކުން ގިނަ މައުލޫމާތުތަކެއް އާންމުކޮށްފައިވާ ކަމަށެވެ. އެގޮތުން، މިނިވަން މުއައްސަސާތަކުގެ ތެރެއިން ހަތަރު އިދާރާއަކުން ގާނޫނު ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ހާމަކޮށްގެން 100 އިންސައްތަ ހާސިލު ކޮށްފައިވާކަން އެ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.
ކައުންސިލުތަކަށް ބަލާއިރު އެންމެ މަދުން މައުލޫމާތު އާންމުކޮށްފައިވާނީ ރަށު ކައުންސިލުތަކުން ކަމަށް އެ އޮފީހުން ބުނެއެވެ. އެންމެ ގިނަ މައުލޫމާތު ސިޓީ ކައުންސިލުތަކުން އާންމުކޮށްފައިވާއިރު، ކުޅުދުއްފުށި ސިޓީ ކައުންސިލު އަދި ފުވަމުލަކު ސިޓީ ކައުންސިލުން ގާނޫނު ލާޒިމުކުރާ މިންވަރަށް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.
ސަރުކާރު ހިއްސާވާ 31 ކުންފުންޏަށް ބަލާއިރު ހުރިހާ މައުލޫމާތެއް ބަރާބަރަށް އާންމުކޮށްފައިވަނީ 26 އިންސައްތަ ކުންފުނިން ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައުލޫމާތުދެއެވެ.
ތައުލީމީ ޚިދުމަތްދޭ ދައުލަތުގެ އިދާރާތަކަށް ބަލާއިރު، މައުލުމާތު ހިއްސާކޮށްފައިވާ މިންވަރުދަށްކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެގޮތުން އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ 25 ބައިގެ ތެރެއިން ނުވަ ބައެއް ތައުލިމީ ދާއިރާގެ އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
އަދި، ސިޔާސީ ފަސް ޕާޓީއެއް މޮނިޓާ ކުރިއިރު، އެ ޕާޓީތަކުގެ ވެބްސައިޓެއް ހުރި ނަމަވެސް މައުލޫމާތު ހާމަކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް ދަށް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. މައުލޫމާތު އާންމުކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ދެ ޕާޓީއެއް މައުލޫމާތު ހާމަކުރި ނިސްބަތް 30 އިންސައްތައިގައި އުޅޭއިރު އެހެން ޕާޓީތަކުން ހާމަކޮށްފައިވަނީ 20 އިންސައްތައަށް ވުރެ ދަށުގައި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން ބުނީ މުޅި ޖުމްލަ ޝާއިއުކުރުން ގާނޫނުގައި ލާޒިމުކުރާ މައުލޫމާތަށް ބަލާއިރު މި ވަގުރު ޝާއިއުކޮށްފައިވަނީ އެންމެ ފަސްބައިކުޅަ އެއްބައި ކަމަށެވެ.