ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމާ ބޮޑާ ހޭކުން ސަރުކާރުން ހުއްޓާލައިފި / ރައީސް އޮފިސް
ހަބަރު
ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމާ ބޮޑާ ހޭކުން ސަރުކާރުން ހުއްޓާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ފެބްރުއަރީ 2025
މާލެ ސިޓީ

ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރަން ބަހަނާ ދައްކާ ރައީސް އޮފީހުން ކޯޓަށް މައްސަލަ ހުށައެޅުމަށްފަހު ސަރުކާރުން އެންމެ ފަހުން ގޮތް ދޫކޮށް އެ މައުލޫމާތު ހާމަކުރަން ނިންމައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ ނިންމުން އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ރައީސް އޮފީހުންނެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.

ނަމަވެސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދައުލަތުގެ ބަންޑާރަ ނައިބު އަހްމަދު އުޝާމު ވިދާޅުވީ، ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިމަހުގެ ތިން ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމުގައިވެސް އުޝާމު ވިދާޅުވި އެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފެބްރުއަރީ 3، ގައި ވާނީ ހައިކޯޓަށް ހުށަހަޅާފައި، އަދި މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ،

- އުޝާމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ސަރުކާރުން އިސްތިއުނާފުކުރަން ހުށަހެޅީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 8، 2024 ގެ ނިޔަލަށް އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ ތަފުސީލު ހާމަކުރަން އައިކޮމް އިން ނިންމި ނިންމުމެވެ.

މި މައްސަލާގައި އައިކޮމްއިން ނިންމީ ސިޔާސީ މުވައްޒަފުންގެ ނަމާއި ވަޒީފާ އަދާކުރާ އޮފީހުގެ އިތުރުން މަގާމާއި މުސާރައިގެ ތަފުސީލެވެ. އެ ކޮމިޝަނުން ސިއްރުކުރަން އެންގީ އެޑްރެސް އެކަންޏެވެ. މި މައުލޫމާތު ހާމަނުކުރުމަށް ރައީސް އޮފީހުން ކޯޓަށް ގޮސްފައިވާއިރު މައްސަލަ ބަލައިގަތުމާ މެދު އަދި ކޯޓުން ގޮތެއް ނުނިންމައެވެ.

ސިޔާސީ މުވައްޒަފުންގެ ތަފްސީލު ހާމަނުކުރަން ސަރުކާރުން ބަހަނާ ދައްކަމުން ގެންދާއިރު، މިއީ ހާމަކަން ބޮޑޫ ސަރުކާރަކަށް ވާނެ ކަމަށާ ރައްޔިތުންނަށް މި ސަރުކާރުން ސިއްރު ކުރާނެކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވެފަ އެވެ.

ސަރުކާރުގެ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކުރި އިރު، އެ މުވައްޒަފުންގެ މައުލޫމާތު ވެސް ސިއްރުކުރަން ސަރުކާރުން ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved