އިންޑިއާގެ އަސްކަރީ އުޅަނދުތައް އޮޕަރޭޓު ކުރާނަމުގައި ރާއްޖޭގައި ތިބި ސިފައިން އަނބުރާ ފޮނުވާލުމަށް ފަހު މި ވެރިކަމުގައި ގެނައި ކަމަށް ބުނާ "މަދަނީ" މީހުންގެ ހުރިހާ ތަފުސީލެއް ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފިއެވެ.
އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޑިފެންސް މިނިސްޓްރީއަށް އެންގުމުން ވެސް އެ މައުލޫމާތު ދޭން ދެކޮޅު ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.
އިންޑިއާއިން ފޮނުވީ މަދަނީންކަން ކަށަވަރު ކުރި ގޮތާއި، އެ މީހުންގެ ތަފުސީލުތަކާއި އުޅަނދުތައް އޮޕަރޭޓުކުރުމުގައި އަމަލުކުރާ ގޮތްތައް ހޯދަން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދިފައިވަނީ އޮންލައިން ނޫސް "އަދަދު"އިންނެވެ. އެ ނޫހުން އެކަމަށް އެދިފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.
ނަމަވެސް މި ސަރުކާރުން ގެނައި "މަދަނީ" އިން ކަމަށް ބުނާ މީހުންގެ ވަނަވަރާއި އެވްރެޖް އުމުރާއި އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ އަދަދާއި އެއިން އެއްވެސް މީހަކު މީގެ ކުރިން އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރިކަން ސާފުކޮށްދޭން އެދުނު އެދުމަށް އިޖާބަ ނުދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އެ މައުލޫމާތު ސިއްރުކުރަން ޑިފެންސުން ނިންމާފައިވެއެވެ.
މީގެ އިތުރުން 2023 ނޮވެމްބަރު 17 އިން ފެށިގެން އެ އުޅަނދުތަކުން ކުރި ދަތުރުތަކުގެ އަދަދު ވެސް ވަނީ ސިއްރުކޮށްފައެވެ.
މައުލޫމާތު ސިއްރުކުރުމުން ހުށަހެޅި މައްސަލަ އެތައް މަސްދުވަހަށް ދިގުދެމިގެން ދިއުމަށްފަހު، އެ މައްސަލަ ނިންމައި، މަދަނީންނާ ގުޅޭ ތަފުސީލުތައް ހާމަކުރަން އައިކޮމް އިން ޑިފެންސަށް ނޮވެމްބަރު 14، ގައި އަންގާފައިވެއެވެ. އަދަދު ނޫހާ އެ މައުލޫމާތު ހިއްސާކުރަން ޑިފެންސަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު ޑިފެންސުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މީގެ އިތުރުން، މަދަނީން ގެނައުމަށް ދިވެހި ސަރުކާރުން ވަކި އެއްބަސްވުމެއް ހަދާފައިވާނަމަ އެ އެއްބަސްވުން އޮތީ ފޮރިން މިނިސްޓްރީގައި ކަމަށް ޑިފެންސުން މި މައްސަލައިގެ އަޑުއެހުންތަކުގައި ބުނެފައިވާތީ އާރުޓީއައިގެ އެ ނުކުތާ ފޮރިންއަށް ބަދަލުކުރުމަށް ވެސް އައިކޮމް އިން ވަނީ އަންގައިފަ އެވެ. ނަމަވެސް އެ ނިންމުމާ އެއްގޮތަށް ވެސް ޑިފެންސުން އަމަލުކޮށްފައެއް ނުވެ އެވެ.
މި ސަރުކާރަކީ ހާމަކަންބޮޑުކޮށް މައުލޫމާތު ހިއްސާކުރަމުން ހިންގާނެ ސަރުކާރެއްގެ މެޑަލް ޖަހަމުން އައި ސަރުކާރެކެވެ. އަދި ނިމިދިޔަ ސަރުކާރުގައި އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން މައުލޫމާތު ހާމަނުކުރާތީ އެންމެ ބޮޑަށް ފާޑުކީ ވެސް މި ސަރުކާރުގެ އިސްވެރިންނެވެ. އޭގެ ތެރޭގައި ޑިފެންށް މިނިސްޓަރު ވެސް ހިމނިވަޑައިގަންނަވައެވެ.