އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޒުވާން ޤައުމީ ފުޓްބޯޅަ ޓީމުން ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފިއެވެ.
ރާއްޖޭގައި މިހާރު ކޭމްޕްކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދާ ފަލަސްތީނުގެ ޓީމާއި އެކު ރާއްޖެއިން ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ފަލަސްތީނު ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.
މެޗްގައި ފަލަސްތީނު ކުޅުންތެރިން މޮޅަށް ކުޅުނުއިރު މެޗްގެ ފުރަތަމަ ހާފްގައި އެއް ލަނޑު ފެނިގެންދިޔައިރު އަނެއް ފަސް ލަނޑު ފެނިގެން ގޮސްފައިވަނީ ފަހުހާފްގައެވެ.
މެޗްގައި ފެނިގެންދިޔަ ފަސްވަނަ ލަނޑަކީ ރާއްޖޭގެ އިބްރާހީމް އައުސަމްގެ އަތުން ބައިކޮޅަށްވަތް ލަނޑެކެވެ. މި މެޗްގެ ފަހު ހާފްގައި ގިނަ ލަނޑުތައް ފެނިގެންދިޔަ ނަމަވެސް ރާއްޖެ ކުޅުންތެރިން ވަނީ ފުރަތަމަ ހާފަށްވުރެ ފަހުހާފްގައި ރަނގަޅަށް ކުޅެފައެވެ.
ފަލަސްތީނާއި ދެކޮޅަށް ރާއްޖެ ޓީމް ކުޅޭ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުދުވަހެވެ. އެފްއޭއެމުން ވަނީ ފަލަސްތީނު ޓީމަށް އެހީތެރިވުމަށްޓަކައި ކުޅޭ މެޗްތަކަށް ހާއްސަ ސްވެނިއަރ ޓިކެޓްތަކެއް ވިއްކުމަށް ނިންމާފައެވެ.އެގޮތުން ސްވެނިއަރ ޕްލެޓިނަމް ޓިކެޓް 1000 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ވީވީއައިޕީ (ރޮސްޓްރަމް) ގެ 50 ޓިކެޓެވެ. މީގެ އިތުރުން ދެން ހިމެނެނީ 200 ސްވެނިއަރ ގޯލްޑް ޓިކެޓެވެ. މި ޓިކެޓްތައް ވިއްކުމަށް ނިންމާފައިވަނީ، 500 ރުފިޔާއަށެވެ.
އޭއެފްސީ ކަޕް ކޮލިފައިން މެޗްތައް އޮންނާނީ މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައެވެ.