ފުވައްމުލަކު ސިޓީގެ ފެން ތަޣައްޔަރުވެ ސާފު ބޯފެން ލިބުން ދަތިވެފައިވަނިކޮށް ފެނަކަ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފެނަކީ ރައްކާތެރި ފެނެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފައިވީ ނަމަވެސް، ފެން ޓެސްޓުގެ ނަތީޖާ ހާމަކުރަން ދެކޮޅު ހެދުމުން ފުވައްމުލަކު ސިޓީ ކައުންސިލުން އަމިއްލައަށް ފެން ޓެސްޓުކުރަން ނިންމައިފި އެވެ.
އެ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ރަށު ރައްޔިތުން ބޭނުން ކުރުމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެނެއްކަން ޔަގީންކުރަން ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ރައްކާތެރިކަން ކަށަވަރުނުކޮށް ފެން ދޫކުރުމަކީ ސަރުކާރުން ރައްޔިތުންނާއި މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމުގެ ހެއްކެއް ކަމަށް ފުވައްމުލަކުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި މިކަމުގެ ސަބަބުން ބަލިމަޑުކަމެއް އެ ސިޓީގައި ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އެ ރަށު ރައްޔިތުން ފާހަގަކުރެއެވެ.
ފެނުގެ ރައްކާތެރިކަން ޔަގީން ކުރަން ޔުޓިއުލިޓީ ރެގިއުލޭޝަން އޮތޯރިޓީން ވަނީ ފެނަކައަށް އަންގައިފަ އެވެ. އެ އެތޯރިޓީ އިން އެންގި ކަންކަން ފުރިހަމަނުކޮށް ރައްޔިތުންނަށް ފެން ދޫނުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ފެނަކައަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މައްސަލައިގައި ފުވައްމުލަކުގެ ރައްޔިތުން އަންނަނީ ސަރުކާރާއި ދެކޮޅަށް އިހުތިޖާޖުތައް ކުރަމުންނެވެ. ނަމަވެސް މިކަމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ދާއިމީ ހައްލު ހޯދުމަށް މަސައްކަތް ކުރާ ތަނެއް ފެނިގެން ނުދެއެވެ.