
ފުވައްމުލަކުއް ސިޓީއަށް ނިސްބަތްވާ އެކި ކުށްވެރިން. އިންތިހާބުގެ ކުރިން ދޫކޮށްލާނެ ކަމަށް ބުނެ އެ ސިޓީގެ ދާއިރާތައް ތަމްސީލުކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވާހަކަ ދައްކާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
އެ ސިޓީއަށް ނިސްބަތްވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ފަދަ ވާހަކަތަކެއް ހިއްސާކުރައްވާފައިވެއެވެ.
އެގޮތުން ޕީއެންއެފްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ފުވައްމުލަކުގެ ކުށްވެރިން ކައުންސިލް ވޯޓުގެ ކުރިން ދޫކޮށްދޭނެކަމަށް އެރަށުގެ މަޖްލިސް މެމްބަރުން މީހުން އެއްކޮށްގެން ވައުދުވަމުން އެބަ ގެންދަވާ ކަމަށެވެ.
ނަމަވެސް ޕީއެންސީގެ މަޖްލިހުގެ މެމްބަރުން އަމިއްލަ ގޮނޑީގެ މިނިވަންކަމާ ރައްޔިތުންގެ ބަޖެޓް އެއްކޮށް ރައީސް މުއިއްޒަށް ދިނުމަށްފަހު ދައްކަވާ މިފަދަ ވާހަކަތަކެއް ނުހެއްލުމަށާ ރައްޔިތުން ގުނބޯ ނުހެދުމަށް ޑރ ޖަމީލު ވަނީ އިލްތިމާސްކުރައްވާފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު ކައުންސިލް އިންތިހާބު ޕީއެންސީއަށް ނުލިއްބިއްޖެ ނަމަ ރަށްރަށާ ސިޓިތަކަށްވެސް ތަރައްގީ ނުގެންނާނެކަމުގެ އިންޒާރުދީ ސަރުކާރުން ބިރު ދައްކަމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.










