އުމްރާގެ އަޅުކަން އަދާކުރަން ސައުދި އަރަބިއްޔާއަށް ދިޔަ އިންޑިއާގެ ބޮޑު ގްރޫޕެއް އެކްސިޑެންޓެއްގައި ނިޔާވިއިރު، އޭގެ ތެރޭގައި އިންޑިއާގެ އެއް އާއިލާއެއްގެ 18 މީހުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނިއެވެ.
މި ހާދިސާގައި އިންޑިއާއިން އުމްރާވާން ދިޔަ 45 މީހުން ވަނީ ނިޔާވެފައެވެ.
މީގެ ތެރޭގައި ހައިދަރުއާބާދުގެ އެއް އާއިލާއެއްގެ 18 މީހަކު ހިމެނޭ ކަމަށް އާއިލާ މީހުން ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ނުވަ ކުޑަ ކުދިން ހިމެނޭ ކަމަށް އާއިލާ އާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ.
“އަހަރެންގެ ފަހަރި އާއި ޅިޔަނާއި އެ މީހުންގެ ފިރިހެން ދަރިފުޅު އުމްރާއަށް ދިޔަ. އެ މީހުން ފުރީ މީގެ އަށް ދުވަސް ކުރިން. [އެކްސިޑެންޓުވީ] އެ މީހުން އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ފަހު އެނބުރި މަދީނާއަށް ދަނިކޮށް” އާއިލާއިން ވާހަކަ ދެއްކި މީހެއް ބުނެފައިވެއެވެ.
ގާތްގަނޑަކަށް 46 ހައްޖުވެރިންނާއެކު ދަތުރުކުރި މި ބަސް އެކްސިޑެންޓުވީ ތެޔޮ ޓޭންކަރެއްގައި ޖެހިގެންނެވެ. މިކަމާ ގުޅިގެން ޖިއްދާގައި ހުންނަ އިންޑިއާގެ މިޝަނުން ބުނީ އެކްސިޑެންޓަށް ފަހު ވެހިކަލްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ކޯޑިނޭޓް ކުރުމަށް ކޮންޓްރޯލް ރޫމެއް ގާއިމް ކުރި ކަމަށެވެ.
މި އެކްސިޑެންޓްގައި ސަލާމަތްވީ އެންމެ ފަސިންޖަރެކެވެ. އެއީ ހައިދަރުއާބާދަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މުހައްމަދު އަބްދުލް ޝޮއިބެެވެ