އެލްޖީއޭގެ ސީއީއޯ މަގާމާ ހަވާލުވެވަޑައިގަންނަވަނީ / ރައީސް އޮފިސް
ހަބަރު
އެލްޖީއޭއިން ކައުންސިލްތަކަށް އިންޒާރުދޭ މައްސަލަ މަޖިލީހުން ބަލަނީ
Mariyam Isaadha
މަރިޔަމް އިސާދާ
03 މާރިޗު 2024
މާލެ ސިޓީ

ކައުންސިލްތަކުން ނެރޭ ބަޔާންތަކާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ލޯކަލް ގަވަމެންޓު އޮތޯރިޓޯ (އެލްޖީއޭ) އިން ދެމުން ގެންދާ އިންޒާރުތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަކީ ލޯކަލް ގަވާނެންސްގެ ކަންތައްތައް ބަލަން މަޖިލީހުގައި އޮންނަ ކޮމިޓީއެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނ. އަތޮޅު ކެނދިކުޅުދޫއަށް ކުރެއްވި ދަތުރުފުޅުގައި ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް އެރަށު ކައުންސިލުން ނެރުނު ބަޔާނެއް ބާތިލްކުރަން އަންގައި، އެ އަތޮޅު ވެލިދޫއިން ރައީސާ ބައްދަލުކުރަން ދަތުރު ނުކުރި ސަބަބު ހޯދަންވެސް އެލްޖީއޭއިން ވަނީ ސުވާލުކޮށްފައެވެ.

އެހެންކަމުން އެލްޖީއޭއިން ދެމުންދާ އިންޒާރުތައް މަޖިލީހުން ބަލާނެ ކަމަށް އަލީ ނިޔާޒު ފުރަތަމަ ވިދާޅުވީ އޭނާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އެކަމުގެ ތަފުސީލު ދެއްވަމުން ނިޔާޒު ވިދާޅުވީ، މި މައްސަލަ ބެލުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވަން މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެލްޖީއޭގެ މެމްބަރުން އެ މައްސަލާގައި ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކައުންސިލް ތަކަކީ އެލްޖީއޭގެ ގޮތްޕެއް ނޫން، އެއީ މިނިވަންކަމާ އެކީ ހިނގަން ގާނޫނު ލާޒިމްކުރާ ޝަހުސުތަކެއް، އެހެންވީމަ އެގޮތަށް އަމަލުކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކުންވެސް ދޭންވާނެ" އަލީ ނިޔާޒު ވިދާޅުވި އެވެ.

ވެލިދޫ ކައުންސިލުން ރައީސާ ބައްދަލުކުރަން ދެކޮޅު ހެދީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ނަމަވެސް ރައީސް އެ ރަށަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކުރުމަށްފަހު، އެމަނިކުފާނާ ބައްދަލުކުރަން އެ އަތޮޅު ހޮޅުދޫއަށް ދާން އެންގުމުންނެވެ.

އެލްޖީއޭގެ މި އަމަލާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާއިރު ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ކައުންސިލްތަކުގެ އިހުތިސޯއަށް ވަދެގަތުމެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved