ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ފެށި ހަފްތާއަކީ މޫސުން ގޯސް ހަފްތާއެއް ކަމަށް މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސެންޓަރުން ލަފާކޮށްފިއެވެ.
ހަފްތާ ބަންދަށްފަހު، ރެއިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ބޯކޮށް ވާރޭ ވެހި ގުގުރަމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ވިއްސާރަ ވާނެއެވެ. އަދި ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފްތާ އަށް ކަމަށްވެސް ބުނެފައި ވެއެވެ.
މިއަދު 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާ، އަދި ބައެއް ސަރަހައްދު ތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާ، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެ އޮފީހުން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަމަށްވެސް ބުނެފައިވެއެވެ.
އަދި، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކޮށްފައިވާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.