މާލެ ކޯޓުތަކުގައި މަސައްކަތް ކުރަމުންދާ މުވަައްޒަފުން މިއަދު އިހުތިޖާޖުކޮށްފިއެވެ.
މިއަދު ޖަސްޓިސް ބިލްޑިންގ ތިރީގައި ކޯޓުތަކުގެ މުވައްޒަފުން ވަނީ ކަޅު ހެދުމުގައި ތިބެ އިހުތިޖާޖުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހުތިޖާޖު ކުރީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަންވީ ވައުދު ނުފުއްދާ، އެ މުވައްޒަފުންނަށް ކުރިން ލިބެމުން އައި އެލަވަންސްވެސް ކަނޑާލުމުންނެވެ.
ޖަސްޓިސް ބިލްޑިންގ ކުރިމަތީގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މިއަދު އިހުތިޖާޖުކޮށް އަޑު އުފުލާފައެވެ. އެގޮތުން މުސާރަ ބޮޑުކޮށްނުދިން ތަނުގައި ލިބެމުންދިޔަ އެލަވަންސްވެސް ކަނޑާލުމުން އެ މުވައްޒަފުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓާއި، ޖުވަނައިލް ކޯޓު އަދި ހައި ކޯޓުގެ މުވައްޒަފުންވެސް މި އިހުތިޖާޖުގައި ބައިވެރިވެފައިވެއެވެ. މީގެއިތުރުން އަތޮޅުތެރެއަށް ނިސްބަތްވާ 23 ކޯޓެއްގެ މުވައްޒަފުން ވެސް މިއަދު ވަޒީފާއަށް ނިކުތީ ކަޅު ހެދުންލައިގެންނެވެ.
ކޯޓުތަކުގެ މުވައްޒަފުން މުސާރައިގެ ކުރިއެރުން ނުދިނުމާ އެލަވަންސް ކަނޑާލުމުން އިހުތިޖާޖުކޮށްފައިވާއިރު، ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި މަހު 1، އިން ފެށިގެން ވަނީ ބޮޑުކޮށްފައެވެ.
އޭގެއިތުރުން މި އަހަރު ބޮޑުނުވާ ހުރިހާ މުއައްސަސާތަކެއްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމުގެ ޔަގީންކަން މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ. އެއީ ކޮންމެ މުއައްސަސާތަކެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެއެވެ.
ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަމުންދިޔަ ނަމަވެސް ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި ލިބޭ އާމްދަނީން ފަރުނުޖެހޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.