
ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަކީ ގާނޫނުއަސާސީއިން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ. އޭގައި ވަކީލެއް ގާޒީއެއް ފަނޑިޔާރެއް ނޫސްވެރިއެއް އަދި ދައުލަތުގެ ވެރިއެއް ތަފާތެއް ނެތެވެ. ނަމަވެސް ތެދެކެވެ. ހައްދެއް ހުދޫދެއް އޮންނަން ވާނެއެވެ. ނަމަވެސް އޭގެވެސް މާނައަކީ ދޮގު ތެދުކޮށް، ތެދު ދޮގުކުރުމެއް ވެސް ނޫނެވެ.
ކަން މިހެން ހުރިއިރު، 2018 އިން 2023 އަށް ދިވެހި ރައްޔިތުން އެންމެ ބޮޑަށް އެންމެ ބާރަށް ގޮވީ ރާއްޖޭގެ ކަނޑު ފަޅުތައް ބޭރުގެ މީހުންނަށް ނުވިއްކުމަށެވެ. ގައުމުގެ އިސްތިގުލާލާ މިނިވަންކަން ބޭރުގެ ބައްޔަކަށް ނީލަން ނުކިޔުމަށެވެ. ބޭރުގެ އެއްވެސް މިލިޓަރީއެއް މި ގައުމުގައި ނުބޭތިއްބުމަށެވެ. ނަމަވެސް އެއީ ދޭދޭ ގައުމުތަކުގެ މެދުގައި ރާއްޖެއާ އޮންނަ ގުޅުމަށް ބުރޫ އަރާ ކަމަކަށްވާތީ ކަމަށް ބުނެ އެ ގޮވުންތައް ގޮވުން ހުއްޓުވަން އޭރުގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ބޭނުންކުރި އެމަނިކުފާނުގެ ޕާޓީގެ މަޖިލީހުގެ މެޖޯރިޓީއެވެ. ނެރުނީ ހުރިހާ ރައްޔިތުންގެ މައްޗަށް ގަރާރެކެވެ. "އިންޑިއާ އައުޓު" ނުގޮވޭނެ ކަމަށާ ގޮވާ ބަޔަކު ޖަލަށްލާނެ ކަމުގެ އިންޒާރާއެކުއެވެ. އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ ދުލުގައި ތަޅު ނޭޅުވޭނެ ކަމަށާ ރައްޔިތުންނަށް ގާނޫނުއަސާސީއިން ދީފައި އޮތް ހައްްގަކަށް ރައްޔިތުންގެ ޚާދިމުންނަށް އަރައި ނުގަނެވޭނެ ކަމަށް ބުނެ މިއަދުގެ ވެރިން އޭރު ކޯޓުތަކަށް މައްސަލަވެސް ވެއްދިއެވެ. އެ ހަނދާން ތިޔަ ބޭފުޅުން ހުންނާނެކަން ޔަގީނެވެ. ނަމަވެސް އެ މައްސަލަ ކޯޓުން ބޭރުކޮށްލީ ސައްޕެއް ޖަހާފައެވެ.
އޭރުގެ ވެރިން މިއަދު ތިބީ އިދިކޮޅުގައެވެ. އޭރުގެ އިދިކޮޅުގެ ގިނަ ވެރިން މިއަދު ތިބީ ގޮނޑިތަކުގައި ދައުލަތުގެ އެކި ވަރުގެ މަގާމުތަކުގައެވެ. އެދުވަހު ވަކާލާތު ކުރީ ރައްޔިތުންގެ މިނިވަންކަމަށް އަރައި ނުގަނެވޭނެ ކަމަށެވެ. ނަމަވެސް މިއަދު އެބޭފުޅުންގެ ވެރިކަމެއްގައި މި ފެންނަނީ އަދި ކުރީ ސަރުކާރުން ކަންކުރި ގޮތަށް ވުރެ ވެސް މަތިން ކަންކަން ކުރާ މަންޒަރެވެ. ކޯޓުތަކުން އަމުރު ނެރުވާ ރައްޔިތުންނަށް "ބިރު" ދައްކާ ނުރައްކާތެރި އިންޒާރެއްގެ ރަނގަބީލު ޖަހާ މަންޒަރެވެ. ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކި ނަމެއް ނުކިޔުމަށް ނުވަތަ ވަކި އެއްގެ ނަން ނުކިއުމަށް ނުވަތަ ވަކި ގޮތަކަށް މަހަލްތަކުގައި ވާހަކަ ނުދައްކަން "މުޅި" ރައްޔިތުންގެ މައްޗަށް ނެރުއްވީ ކޯޓު އަމުރެކެވެ. ގައުމުގައި ތިލަވި އެއްޗަކާ ގުޅިގެން މުޅި ގައުމު އަނގަ ބަންދުކުރަން ކޯޓަށް ހަގީގަތުގައި ނޭންގޭނެއެވެ. އެކަން ގާނޫނުއަސާސީއިން ސަރީޚަކޮށް އެނގެން އޮވެއެވެ.
އެގޮތުން ކޯޓަކުން އަމުރެއް ނެރެވޭނީ ހަމައެކަނި އެ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ޚަޞްމުންގެ މައްޗަށް ނުވަތަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ މައްސަލައަކާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް އެކަނިއެވެ. އާންމުކޮށް ހުރިހާ ރައްޔިތުންގެ މައްޗަށް ކަމެއް މަނާކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން ކުރީ ސަރުކާރުން "އިންޑިއާ އައުޓު" ގޮވުން ހުއްޓުވަން މަޖިލީހުން ގަރާރު ނެރުނީ ފޮތުގައި އޮތް ގޮތަށް ނަމަވެސް، މިއަދު ކޯޓުތަކުގެ ދޮރާށިތަކުން މި ނެރުވާ އަމުރަކީ ގާނޫނާ ޚިލާފު އަމުރުތަކެއްކަމަށް ގާނޫނީ ބޭފުޅުންވެސް އިއްތިފާގުވެއެވެ.
ދެން މީގައި އޮތް ސުވާލަކީ ރައްޔިތުންގެ އަޑު ކަނޑުވާލެވޭނެ ހެއްޔޭއެވެ. ޖަވާބަކީ އެޕްރިލް 4 ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓެއްގައި 70 އިން ސައްތަ ރައްޔިތުން ނޫނެކޭ ބުނީވެސް ބަޔަކު އާރާ ބާރުގައި ހުރިހާ ނުފޫޒެއް ދައްކަމުން ދަނިކޮށް ކަމަށެވެ. އެހެންކަމުން ގަރާރެއް ނެރުނަސް އަމުރެއް ނެރުނަސް ރައްޔިތުން ގުޑުވާ ނުލެވޭނެކަން ދަންނަން ވާނެއެވެ.
އިންޑިއާ އައުޓު ގަރާރުން ވެސް ރައްޔިތުން ނުހުއްޓުނުވުނެވެ. ކޯޓު އަމަރަކުން ވެސް ހުއްޓުވިދާނެ ކަމަށް ބެލުމަކީ ފަހަރުގައި އެޅޭ ޅައެއްޗަކަށްވެސް ވެދާނެއެވެ. 2023ގެ ވެރިކަން ފުރޮޅު ގޮތްވެސް ހަނދާން ކޮށްލުން މުހިއްމެވެ.










