
މިއީ ޤައުމީ މިނިވަން ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވަންވީ ވަގުތު ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ މިހާރު އޮތް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނު އަސާސީ މޮޑެލާ ޖުޑިޝަރީ އޮޅާލައިފި ކަމަށެވެ.
ގައުމުގައި އާންމުންގެ މެދުގައި ވަޒީފާގެ ބިރުވެރިކަން އިންތިހާ އޮތްކަމަށް ވިދާޅުވެ މަލީހު ވަނީ ސަރުކާރު ހިންގާ މައި ޕާޓީގައި އެންމެ ގިނަ މެމްބަރުން ތިބީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް ވަގު ސޮޔާ އެކުކަން ވެސް ހަނދާނަށް ގެންނަވާފައެވެ. އަދި ހަމައެންމެ ގައުމުގެ ދަރަނި 160 ބިލިއަންގައި އޮތްކަންވެސް ފާހަގަކުރައްވާ މަލީހު ވަނީ މިހުރިހާ ކަންކަން މިހެން ހުރުމުން މިއީ ޤައުމީ މިނިވަން ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.
މިނިވަން ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވާވުމަށްފަހު ޤާނޫނު އަސާސީގެ ބާރު ދަމަހައްޓަން ކުރެވެން ހުރި މަސައްކަތެއްކޮށް ގާނޫނި އަސާސީ ހަމަޔަކަށް އަޅުވާ ދެން ސިޔާސީ ޕާޓީތަކުން ރިޔާސީ ރޭހަށް ތައްޔާރު ވާންވީ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ ބެލެވޭ ގޮތުގައި ސަރުކާރު ތަމްސީލު ކުރާ ކައުންސިލަރުންތަކެއް އިންތިހާބުކޮށްފި ނަމަ ސަރުކާރުން އެޅިހާ ބަތަކަށް ރިހަވެފައި ރައްޔިތުންގެ ހައްގުގައި ބަހެއް ނުބުނެ ކޮރަޕްޝަނާ ރިޝަވަތަށް މަގު ފަހިކުރާނެ ކަމަށްވާތީ އެވެ. މިހާރު އޮތް ރައްޔިތުންގެ މަޖިލިސްވެސް ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތްއިރުވެސް ކަންކަން ހިނަގނީ އެމަގުން ކަން ފާހަގަކޮށްލެވެއެވެ.










