March 19, 2026
Advertisement
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު / ސޯޝަލް މީޑިއާ

ރާއްޖޭގައި އޮތް ޖިނާއީ ނިޒާމަކީވެސް ކޮރަޕްޝަންގެ ނިޒާމެއް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 1, 2026, 03:41 AM
މާލެ ސިޓީ

ދިވެހިރާއްޖޭގައި މިއަދު އޮތް އަދުލުގެ ނިޒާމަކީ ކޮރަޕްޝަންއިން ފުރިގެންވާ ނިޒާމެއް ކަމަށާ އެހެންކަމުން ހައްގު އަދަބު ކުށްވެރިންނަށް ނުދާ ކަމާމެދު ހައިރާންނުވުމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ދިވެހިރާއްޖޭގައި ސަރުކާރު ތެރޭގައި ކޮރަޕްޝަންއާ ވައްކަން އާންމުވެފައިވާ މިންވަރަށް ނަޒަރު ހިންގަވާލައްވާ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ އޯޑިއެންސްގައި އިންނަވާ ރައީސް ޔާމީން ވާހަކަފުޅު ދައްކަަވާފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ވެރިންގެ ގޮތުގައި ތިބެ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާ މީހުންނަކީ އިހުތިރާމު އެންމެ ލިބޭ މީހުންނަށް ވެފައިވާ ކަމަށެވެ. ރާއްޖޭގައި ވައްކަން ކުރާ ވެރިންގެ މައްޗަށް ގާނޫނު ނުހިނގާ ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގި ކަމަށް ޝަރީއަތުގައި އެއްބަސްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހުކުމް ތަންފީޒު ކުރީ ވެސް ގޭގައިކަން ފާހަގަކުރައްވާފައެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހުކޮޅު އެ ދެ ބޭފުޅުން މިނިވަންކުރި ކަންވެސް ރައީސް ޔާމީން ހަނދާނަށް ގެންނެވިއެވެ.

މިދިޔަ ދެ ސަރުކާރުން ވެސް ފެނުނު ކަމަކީ ޖިނާއީ އަދުލުގެ ނިޒާމު ހިނގަނީ އާދައިގެ ވަގުންގެ މައްޗަށް އެކަނިކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އޭރު ޖަލު ހުކުމް ނިމެންދެން ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ބޮޑެތި ވައްކަންތައްކުރާ މީހުންނަށް ލިބެނީ އަދަބުގެ ބަދަލުގައި ހިމާޔަތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ

ގިނަ ފަހަރަށް އެމަގުން ކަންކަން ހިނގަނީއަދުލުގެ ނިޒާމު ހިންގަން ތިބޭ ބޭބޭފުޅުންގެ ނަޒާހާތްތެރިކަންވެސް ނެތުމުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އޮތް ޖިނާއީ ނިޒާމަކީވެސް ކޮރަޕްޝަންގެ ނިޒާމެއް ކަމަށެވެ.

ރައީސް ޔާމީން ވަނީ، ސިޔާސީ ޕާޓީތައް ވެސް ވަރަށް ކޮރަޕްޓް ވެފައިވާ ކަމަށް ވިދާޅުވެފައެވެ. ކުރީގައި ސިޔާސީ މަސައްކަތް ރާއްޖޭގައި ކުރީ ވަރަށް ފޯރީގައި ކަމާ، އޭރެއްގެ އޮންނަ އިދިކޮޅަކުން ސަރުކާރު ޖަވާބުދާރީކުރުވުމާއި ފާޑުކިއުމުގެ ކަންކަން ވަރަށް ގަދައަށް ކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިހާރު އިދިކޮޅު ހަރަކާތެއް ވެސް ނެތް ކަމަށް ވެސް އެމަނިކުފާނުވެސް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved