ރާއްޖޭގައި ބޭސް ލިބުން ދަތިވެފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
އާންމު ރައްޔިތުންނަށް ބޭސް ލިބުން ދަތިވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
މައްސަލައިގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖެއިން ޑޮކްޓަރީ ބޭސް ލިބުން ދަތިވެފައިވާކަމުގެ ޝަކުވާ ރައްޔިތުން ކެނޑިނޭޅި ކުރަމުން އަންނަ ކަމަށެވެ. މީގެ ކުރިން އާސަންދައިން ލިބުނު ބޭސްތައް އެ ސްކީމުގެ ދަށުން ދިނުން ހުއްޓާލި ފަހުން ފާމަސީތަކުން ގަންނަން ލިބުނު ނަމަވެސް މިހާރު ބޮޑު އަގުގައި ބޭސް ގަންނަން ވެސް ނުލިބޭކަން ރައްޔިތުން ފާހަގަ ކުރާ ކަމަށެވެ.
ހަމަ އެހެންމެ އެތައް ފާމަސީއަކަށް ގޮސްގެން ވެސް ބޭސް ސިޓީއަށް ބޭސް ހަމަނުވާކަމުގެ ޝަކުވާ ކުރާ ކަމާ މުހިއްމު އެތައް ބޭހެއް އެއްގޮތަކަށް ވެސް ނުލިބޭކަމުގެ ޝަކުވާ ރައްޔިތުން ކުރާކަން ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ބޭސް ނުލިބުމުގެ ސަބަބުން ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނާއި ދާއިމީ ބަލިތައް އަދި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުންނަށް އޭގެ އަސަރުކުރާކަން އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. އަދި އެފަދަ މީހުންނަށް ދޭ ހާއްސަ ބޭސްތައް ހުސްވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ބޭސް ލިބޭނެ ތަނެއް ނުވަތަ ބޭސް ލިބޭނޭ ގޮތެއް ހޯދުމަށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ސޯޝަލް މީޑިއާގައި އާއްމުންގެ އެހީތެރިކަމަށް އެދެމުންދާ ތަން ފެންނަ ކަމަށާއި މިއީ ރައްޔިތުން "ބޭސް ސިޓީއަށް ސަލާންޖަހަން" ދައުލަތުން މަޖުބޫރުކުރުވުން ކަމަށް މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލާގައި ވަނީ ފާހަގަކުރައްވައިފައެވެ.
ކުރީ ސަރުކާރުން ރާއްޖެއަށް ބޭސް ގެނައުމަށް ޔޫއެންޑީޕީއާ އެކު ސޮއިކުރި ބަލްކު ޕްރޮކިއުމެންޓު ނިޒާމު ވެސް މި ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށް ފާހަގަކޮށް އެ މައްސަލާގައި ބުނެފައިވަނީ އާންމުންނަށް ބޭސް ލިބުން ދަތިވެފައިވަނީ ރޭވުންތެރިކަމެއް ނެތި އާސަންދަ ރިފޯމު ކުރުމަށް ސަރުކާރުން ނިންމި ނިންމުންތަކުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން، ސީދާ ސަރުކާރުން ޔޫރަޕުގެ މޮޅު ބޭސް ގެންނާނެ ކަމަށް ބުނެ، ބޭސް އެތެރެކުރާ ފަރާތްތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށްފަހު ވެސް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ މިންވަރަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ވެސް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
ބޭސް ނުލިބުމުގެ މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 36 މެންބަރުންގެ ވޯޓުންނެވެ.
ރައްޔިތުންގެ އިހުސާސުތައް ގާތުން ދަންނާނެ ސަރުކާރަކަށް މި ސަރުކާރު ވާނެ ކަމަށް ބުނި ނަމަވެސް ރައްޔިތުންނާ ގުޅުން ހުރި އަސާސީކަންކމުގެ ކުއްލި މައްސަލަތައް ޕީއެންސީގެ މެޖޯރިޓީ އޮވެމެ ދަނީ މަޖިލީހުން ބޭރުކުރަމުންނެވެ.
އެގޮތުން ފުވައްމުލަކު ސިޓީއަށް ސާފު ފެން ނުލިބުމުގެ ކަންބޮޑުވުމާ އެކު ހުށަހެޅި ކުއްލި މައްސަލަވެސް ސަރުކާރުގެ މެމްބަރުން ވަނީ ބޭރުކޮށްލާފައެވެ.