ކްރިމިނަލް ކޯޓުގެ ޤާޒީ ހުސެއްިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް، ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފާއިޒް ރަޝާދު ޢަމަލުކޮށްފައިވާކަން، ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައިވާތީކަމަށެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން،ޙުސައިން ފާއިޒް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 2025 ނޮވެންބަރު 26 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ މި އަހަރުގެ 46 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައިކަމަށެވެ.
މި މައްސަލައިގައި ޤާޒީ ފާއިޒް ވަނީ މީގެ ކުރިން 60 ދުވަހަށް ސަސްޕެންޑު ކުރެވިފައިއެވެ.
ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުކުރެވޭ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި، ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާގެ ބަންދާ މެދު އަމަލުކުރި ގޮތުގެ މައްސަލަތަކަކާ ގުޅިގެންނެވެ.
ފާއިޒްއަކީ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް 2019 ވަނަ އަހަރު ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް 2021 ވަނަ އަހަރު ސަސްޕެންޑްކުރެވިފަ އެވެ.