ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު، މި ސަރުކާރުން ފްރޭމްކޮށްގެން ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަޙީދު ބަންދުން ދޫކޮށްލައިފިކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ، ޝަމްޢާން މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް އެ ކޯޓަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް މިއަދު ނިންމަވާފަވާކަމަަށެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމާފައިއެވެ. އެގޮތަށް ފަނޑިޔާރު އޭރު ވިދާޅުވީ ހެއްކަށް ޝަމްެއާން ނުފޫޒު ފޯރުވާނެކަމުގެ ބިރު އޮތުމުންނެވެ. ނަމަވެސް ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ބަންދުން ދޫކޮށްލަން ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތިއްޖެނަމަ ދޫކޮށްލާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ޝަމްއާން ހައްޔަރުކޮށްފައި ވަނީ، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައިއެވެ. ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ މިދިޔަ މާޗް މަހުއެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާއެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަހުގެ ސަބަބުން ޝަމްއާން މައުސޫމްކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.