ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއުތިރާފުގެ އެއްބަސްވުމެއް ހަދާ އަދަބު ލުއިކޮށްދީފިއެވެ.
މުހައްމަދު އަސީލް ނަމަކަށް ކިޔާ މީހެއްގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު: 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ދައުވާ ރައްދުވާ މީހާއާ އެކު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އިއުތިރާފުގެ އެއްބަސްވުން ހެދުމުން އާންމު ގޮތެއްގައި އަދަބަށް ލުއިތަކެއް ދެއެވެ.
ކުރިމިނަލް ކޯޓުން މިދިޔަ މަހު 31 ގައި ވަނީ މި މައްސަލައިގައި ހުކުމް އިއްވާފައެވެ. އެގޮތުން ދައުވާ ރައްދުވާ މީހާއަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ގާނޫނުގައި ވާގޮތުން މި ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އެހެންކަމުން 14 އަހަރުގެ އެންމެ ބޮޑު ހުކުމް އިއްވުމުގެ ބަދަލުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެއްބަސްވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ ކުޑަ ކުއްޖަކާ ގުޅުން ހުރި މައްސަލައަކަށްވުމުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އާންމެއް ނުކުރާތީ އަދަބު ކަނޑައެޅި ސީދާ ގޮތް އޮޅުން ނުފިލާނެއެވެ.