
ސްރީލަންކާއަށް އަރާފައިވާ ތޫފާން "ޑިޓުވާ" މިހާރު ރާއްޖެއާއި ދުރަށް ދަތުރުކުރަން ފަށާފައިވާ ކަމަށާއި، މި ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުުގުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މެޓް އިން ވިދާޅުވީ، މި ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ލަންކާގެ އުތުރު އައްސޭރިފަށުގައި ކަމަށެވެ.
އަދި މި ތޫފާން ދަތުރު ކުރަމުން ދަނީ އުތުރުހުޅަނގުއުތުރަށް، އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ޕޫޑޫޗެރީ، އަދި އަންދްރާ ޕްރަދޭޝްގެ ދެކުނުގެ އައްސޭރިފަށާއި ދިމާއަށް، ރާއްޖެއާ ދުރަށް ކަމަށް މެޓް އިން ވިދާޅުވެފައި ވެއެވެ.
މި ތޫފާނާއި ގުޅިގެން ހުދު ސަމާލު ނެރެވުނީ މެޓް އޮފީޙުގެ އެލާޓް ދަރަޖަ ކުރެވިފައިވާ ސަރަަހައްދަށް ތޫފާން ވަނުމުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވެގެން ދާނެ ކަމަށްވެސް މެޓް އިން ވިދާޅުވިއެވެ.
ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 56 މީހަކު މަރުވެފައިވާއިރު، 21 މީހަކު ވަނީ ގެއްލިފައެވެ.










