March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކްރެޑިޓަށް ނެގި ތަކެއްޗަށް ފައިސާ ނުދައްކާތީ ނާޒިމް ގޮވައިގެން އެޕޯލޯއިން ކޯޓަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Nov 28, 2025, 08:21 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީއާ ކޯލިޝަން ހަދާފައިވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އަތުން ބައި މިލިއަން ރުފިޔާ ހޯދަން އެޕޯލޯ ހޯލްޑިންސްއިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

Advertisement

ނާޒިމް މި ފައިސާ ނުދައްކައިގެން އެޕޯލޯ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ފަހުން ސެޓަލްމަންޓް އެގްރިމަންޓެއް ހެދުމުން ސިވިލް ކޯޓުން ވަނީ މި ވަގުތަށް ދައުވާ ބާތިލްކޮށްފައެވެ.

މިފަދަ މައްސަލައެއް ހުށަހެޅިކަން އެނގުނީ ސިވިލް ކޯޓުން ދައުވާ ބާތިލްކޮށް ބުރާސްފަތި ދުވަހު ނެރުނު ހުކުމުންނެވެ.

 ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން މި މައްސަަލައަކީ އެޕޯލޯއިން ނާޒިމަށް ކްރެޑިޓަށް ދޫކުރި މުދަލުގެ އަގަށްވާ 485،211ރ. މިދިޔަ 19 ޖުލައިގެ ނިޔަލަށް ދައްކަން އެއްބަސްވި ނަމަވެސް އެ ފައިސާ ނުދައްކައިގެން ނާޒިމްގެ މައްޗަށް އެޕޯލޯއިން ދައުވާކުރި މައްސަލައެވެ.

އެ ފައިސާގެ އިތުރުން އެޕޯލޯއިން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވަކީލުންނަށް ދައްކަން ޖެހުނު ފީ، 25،000ރ. ހޯދުމަށް ވެސް ދައުވާގައި އެދިފައިވެއެވެ.

ނަމަވެސް ކޯޓުގައި މައްސަލަ އޮވެ ކޯޓުން ގޮތެއް ނުނިންމަނީސް، ނާޒިމްގެ ފަރާތުން ވަނީ އެ ފައިސާ ފަސް މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމަންޓް އުސޫލުން ދައްކާ ގޮތަށް އެޕޯލޯއަށް ހުށަހަޅައިފައެވެ. އެ ހުށަހެޅުން އެޕޯލޯއިން ބަލައިގަނެ މިހާރު ސެޓަލްމަންޓް އެގްރިމަންޓެއް ހަދައިފައިވެސް ވެއެވެ.

ކޯޓުން ދައުވާ ބާތިލްކޮށްފައިވަނީ ސެޓަލްމަންޓް އެގުރިމަންޓާ އެއް ގޮތަށް ފައިސާ ނުދައްކާނަމަ ފަހުން ދައުވާކުރުމުގެ ހައްގު ލިބޭ ގޮތަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved