
ފެށޭ ހަފުތާ ބަންދު ތެރޭގައި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައި ސާފުވާން ފަށާނެކަމަށް، މެޓް އޮފީސް (މޫސުމާ ބެހޭ ގައުމީ އިދާރާ)އިން ލަފާކޮށްފިއެވެ.
މީޑިޔާތަކާ ހިއްސާކުރި މައުލޫމާތުގައި މެޓުން ވަނީ، ހަފުތާ ނިމޭއިރު މެދުރާއްޖެތެރެއާއި ދެކުނަށް ވައި ސާފުވީ ނަމަވެސް އުތުރުގެ އަތޮޅުތަކަށް ވައި އަދިވެސް ނުސާފުވާނެ ކަމަށް ލަފާކޮށްފައެވެ. ރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ވައިސާފުވުމާއެކު، ހަތް ކިލޯމީޓަރާއި އަށް ކިލޯމީޓަރާ ދެމެދަށް ދުރު ފެންނާނެ ކަމަށްވެސް ލަފާކޮށްފައިިވެއެވެ. އަދި ތިން ކިލޯމީޓަރާއި ހަތަރު ކިލޯމީޓަރާ ދެމެދަށް އުތުރުގެ ރަށްތަކަށް ދުރު ފެންނާނެ ކަމަށާ، ޖުމުލަ ގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ރީތިވީ ނަމަވެސް، ރާއްޖޭގެ އުތުރަށް ކުޑަކޮށް ކެރި ވެހިދާނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
އެހެންކަމުން، މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކުގައި އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ 37 ޑިގްރީ ސެލްސިއަސްއާއި 38 ޑިގްރީ ސެލްސިއަސްއާ ދެމެދު ކަމަށް މެޓުން ބުނާއިރު، ވައި ސާފު މިންވަރު ދައްކައިދޭ އައިކިއުއެއާގައިވާ ގޮތުން، މިއަދު މާލޭގެ ވައިގެ ކޮލިޓީ އުޅެނީ 62 ގައި ރީނދޫ ސަމާލުގައެވެ.
އައްޑޫ ސިޓީގެ ވައި ކުރިއަށް އޮތް ދެ ދުވަހު ސާފުވާނެ ކަމަށް، އައިކިއުއެއާއިން ދައްކާއިރު، މާލެ ސަރަހައްދަށް ވެސް ވައި ސާފުވާނެކަމަށް އައިކިއުއެއާއިން ވަނީ ދައްކާފައެވެ.
އެހެންކަމުން ނާޒުކު ހާލަތުގައިވާ ފަރާތްތަކާއި، ނޭވާލާ ނިޒާމުގައި މައްސަލަ ދިމާވާ ފަރާތްތަކުން އަދިވެސް ސަމާލުވުމަށް އެޗްޕީއޭއިން ވެސް އިލްތިމާސްކޮށްފައި ވާއިރު، ބޭރަށް ނިކުންނަވާނަމަ މާސްކު ބޭނުންކުރެއްވުމަށާއި، ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުންނެވުމަށް ވެސް އެޗްޕީއޭ އިން މީގެކުރިން އިލްތިމާސްކޮށްފައި ވެއެވެ.










