އެމްއޭސީއެލްގެ ސިޔާސީ މަގާމެއްގައި މިހާރު ހުރި، ޔޫތު މިނިސްޓްރީގެ ކުރީގެ ނައިބު، މަރިޔަމް ޝިއުނާމެން ފަދަ މީހުންގެ ސަބަބުން ރައްޔިތުން ވެރިންނަށް ކުރާ އިތުބާރު ގެއްލޭ ކަމަށް ޕީއެންއެފްގެ ސެނެޓަރ ފާތިމަތު ރަހުމާ ވިދާޅުވެއްޖެއެވެ.
ރަހުމާ މިފަދައިން ވިދާޅުވީ އޭނާގެ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ނަންގަވާފައި ނުވާނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެބް، އެމަނިކުފާނު ނުހައްގުން ބަންދުގައި ބެހެއްޓި ދުވަސްވަރު އެމަނިކުފާނަށް ލިބެން ޖެހޭ އިނާޔަތް ހޯދަން ހުށަހެޅި ހުށަހެޅުމުގެ ވާހަކަ ޝިއުނާ ވަނީ އޭނާގެ ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ. އަދި އެ ފައިސާ ރައީސް ޔާމީން ނުނެގީ ނޫން ކަމަށާ ދައުލަތުން ނުދީ އޮތުމުން ބޭނުން ނުކުރެވނީ ކަމަށް ދޭހަވާފަދަ މޭރުމަކުން ޝިއުނާ ވަނީ ލިޔުއްވާފައެވެ.
ޝިއުނާގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ރަހުމާ ވިދާޅުވީ، ޝިއުނާއަށް މީހުން ފައިސާ ނަގާ ވާހަކަ ނުދެއްކޭނެ ކަމަށާ އެއީ ޚުދު ޝިއުނާއަކީ ސަސްޕެންޑް ނަމުގައި އެތައް ފައިސާއެއް ރައްޔިތުންގެ ބައިތުލްމާލުން ނަގާ މީހަކަށްވުން ކަމަށެވެ.
އެގޮތުން ޝިއުނާއަކީ މުސާރަވެސް ހަލާލުވާ ވަރަށް މަސައްކަތްކުރާ މީހެއް ނޫންކަން ދޭހަވާފަދަ މޭރުމަކުން ރަހުމާ ވިދާޅުވެފައިވަނީ ޝިއުނާ ހަމައެކަނި ކުރާހާވެސް ކަމަކީ ސިޔާސީ ކޮސްގޮވުން ކަމަށެވެ. އަދި މިފަދަ މީހުންގެ ސަބަބުން ގިނަ ފަހަރު ވެރިންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ކަމަށާ އެފަދަ މީހުންނަކީ އެއިރަކު އޮންނަ ވެރިކަމަކަށް ބަލަދު އަރާފައި ތިބޭ ބައެއްތޯ ވެސް ރަހުމާ ވަނީ އައްސަވާ ސުވާލެއް ކުރައްވާފައެވެ.
މީގެ އިތުރުން މިފަދަ މީހުން އަރިސްކުރަން ހަދައިގެން ހުރިހާ ވެރިކަމެއްގެ އިތުބާރު ގެއްލި ހަފުސްވާކަމަށް ވިދާޅުވެ ރަހުމާ ވަނީ ސަސްޕެންޝަނުގައި ހުރެ ދައުލަތުގެ ބައިތުލްމާލުން ޝިއުނާ މުސާރަ ކެއުމުން ލަދުހަޔާތް ކެނޑުނީ ކަމަށްވެސް ވިދާޅުވެފައެވެ.
ރަހުމާ މިފަދައިން ވިދާޅުވެފައިވާއިރު، ޝިއުނާވަނީ ސަސްޕެންޝަންގައި ހުރެ އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާއިން 2 ލައްކައަށް ވުރެ ގިނަ ފައިސާ ނަގާފައިވެއެވެ.
ޝިއުނާ މީގެ ކުރިންވެސް ރައީސް ޔާމީނަށް ކުޑައިމީސް ބަސް ރައްދުކޮށް ވާހަކަ ދައްކާފައިވެއެވެ. ރައްޔިތުންވަނީ އޭނާ ސައިޒުކޮށް އޭނާއަށް ބަހުގެ ހަމަލާ އޭރު ވެސް ދީފައެވެ.
އެގޮތުން ޝިއުނާގެ އެ ވާހަކަތައް ރައްދުދިން މީހުން ވަނީ މީގެ ކުރިން ރައީސް ޔާމީން ވަރެއް ނެތިގެން އުޅެފައި، އެމަނިކުފާނު ގިނިކަންޏާވީ ދުވަހު ޝިއުނާމެން ރައީސް މުއިއްޒު ފަހަތުން ފައިސާ އާ މަގާމުގެ ދަހިވެތިކަމުގައި ދުވަމުން ދަނީ ލަދު ޙަޔާތުގެ ކޮން މިންގަޑަކުން މިނެ ކިރައިގެންތޯ ސުވާލުކޮށްފައިވެއެވެ.
ހަމަ އެހެންމެ ރައީސް ޔާމީންގެ ލަދުފުޅާ ގުޅުވާ ޝިއުނާމެން އެމަނިކުފާނުގެ އަގު ވައްޓާލަން މަސައްކަތްކުރަނީ ރައީސް މުއިއްޒު ހައްދަވަމުން ގެންދަވާ ދޮގުތައް ހެއްކާއެކު ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ގެންދަވާތީ ކަމަށްވެސް ރައްޔިތުން ހާމަކޮށްފައިވެއެވެ.