theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން / އެޑިޝަން.އެމްވީ
ސިޔާސީ
ދައުލަތުގެ ހެކިވެރިޔާ ހެކިބަސް ދިނީ ޝަމްއާންއާ އެއްކޮޅަށް, ބުނީ ގާނޫނާަ ހިލާފު އަމުރެއް ނުކުރާކަމަށް!
Yana Shareef
ޔާނާ ޝަރީފް
04 ޑިސެމްބަރު 2025

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަަލް މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކުރި މައްސަލައާއި ގުޅުން ހުރި އޮޕަރޭޝަނާއި އަދި އޭގެ ކުރިން ހިންގި އޮޕަރޭޝަންތަކާއި ގުޅިގެން ވެސް ގާނޫނާއި ހިލާފު އެއްވެސް އަމުރެއް ޝަމްއާން ކޮށްފައިނުވާ ކަމަށް އިމިގްރޭޝަންގެ ރިސްކް ޑިޕާޓްމަންޓްގެ ހެޑް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފިއެވެ.

އާއްމުކޮށް ބިދޭސީން ހައްޔަރު ކުރުމުގެ މަސައްކަތް ކުރާ ޑިޕާޓްމަންޓް ނޫން އެހެން ޑިޕާޓްމަންޓެއްގެ އޮފިސަރުން ބައިވެރިވެގެން އޮޕަރޭޝަން ހިންގުން ގާނޫނާއި ހިލާފުތޯ ސުވާލު ކުރުމުން ރިސްކް ޑިޕާޓްމަންޓްގެ ހެޑް މިޒްނާ ބުނީ އެއީ ގާނޫނާއި ހިލާފު ކަމެއް ނޫން ކަމަށާއި އެހެން ބައެއް ހާލަތްތަކުގައި ވެސް އިމިގްރޭޝަން އޮފިސަރުންނަށް މައުލޫމާތު ލިބުމުން ހަރަކާތްތެރިވެފައި ވާނެ ކަމަށެވެ. މިޒްނާ އެހެން ބުނީ ޝަމްއާން އޭނާ އާއި ކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.

ޝަމްއާންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އޭނާގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައެއްގައެވެ.

ޝަމްއާންގެ ގެއަށް ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާ އަހްމަދު ލައްސާން ގެންދިޔައީ ފައިސާ އަޅާފައި ހުރި ކޮތަޅެއްކަން އެނގޭނެ ވީޑިއޯއެއް ނެތް ކަމަށް ވެސް މިއަދު ދައުލަތުން ހުށަހެޅި ހެއްކަކު ބުންޏެވެ. ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި މިއަދު ވަނީ ވީޑިއޯތަކެއް އެނަލައިޒް ކުރި އެނަލިސްޓެއްގެ ހައިސިއްޔަތުން ފުލުހަކު ކޯޓަށް ހާޒިރުކޮށްފައެވެ. ފުލުސް މީހާ ކޯޓުގައި ހެކިބަސް ދެމުން ބުނީ ލައްސާން ހިފައިގެން ހުރި ކޮތަޅުގައި ހުރީ ފައިސާކަން ޔަގީންކަމާއިއެކު ބުނަން ނޭނގޭ ކަމަށެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ. އަންނަ ހަފްތާއަށް ވެސް ބައެއް މީހުންގެ ހެކިބަސް ނެގުން ވަނީ ތާވަލް ކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved