ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން / އެޑިޝަން.އެމްވީ
ހަބަރު
ޝަމްއާނާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ހަތަރު މީހުންނަށް ދައުވާ ކުރަން ފޮނުވައިފި: ޕީޖީ
Hussain Nawaf
ހުސައިން ނަވާފް
13 މޭ 2025

މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ހަތަރު މީހުންނަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މުޙައްމަދު ޝަމްއާން ވަހީދު، މުޙައްމަދު އަލްސަން އިސްމާއިލް، އިބްރާހިމް އަޙްމަދު، ހަސަން ސަހެޝާންގެ އިތުރުން އަހްމަދު ލައްސާނެވެ.

އަދި އެ ފަސް މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އިއްޔެ ފުލުހުން, ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ޕީޖީގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީއު ސަން އަށް ވިދާޅުވިކަމަށްވަނީ ރިޕޯޓުކޮށްފައެވެ.

އެހެންކަމުން ކުރިއަށް އޮތް 15 ދުވަސް ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޝަފީއު ވިދާޅުވިކަމަށް ސަންގައިވަނީ ރިޕޯޓުކޮށްފައެވެ.

ޝަމްއާން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.

ޝަމްއާންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި ޝަމްއާން ވަހީދުގެ ގެއިން ފެނުނު ބައި މިލިއަނެއް ހައި ނަގުދު ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

ޝަމްއާން ހައްޔަރުކޮށްފައި މިވަނީ ތުރުކީގެ އިސްމާއިލް ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ރައީސް މުއިއްޒު މިސައިލްތަކެއް ނުއަގުގައި ގަންނަން ރާވަމުންދިޔަ ކަމުގެ އަޑުތަކެއް ގަދަވި ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޝަމްއާން ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved