March 15, 2026
Advertisement
ސްރީލަންކާ ރައްޔިތުންގެ އެއްވުމުގެ ތެރެއިން
ސްރީލަންކާ ރައްޔިތުންގެ އެއްވުމުގެ ތެރެއިން / ތޭރަ އޮންލައިން

ރާއްޖޭގައި ތިބި ސްރީލަންކާގެ ރައްޔިތުން، ދިވެހިންނަށް ޝުކުރު އަދާކޮށްފި

Faina Faiz
ފައިނާ ފާއިޒް
Dec 6, 2025, 01:32 AM
މާލެ ސިޓީ

ސްރީލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ރާއްޖޭން ވެދިން އެހީއަށް ޝުކުރު އަދާކުރުމަށް ރާއްޖޭގައި ތިބި ސްރީލަންކާގެ ރައްޔިތުން އެއްވުމެއް ބާއްވައިފިއެވެ.

Advertisement

މި އެއްވުން ބާއްވާފައި ވަނީ މިއަދު ހަވީރު މާލޭގެ ޓޯ ޔާޑު ކުރިމަތީގައިއެވެ. އެއްވުމުގައި ގިނަ އަދަދެއްގެ ސްރީލަންކާ ރައްޔިތުން ވަނީ ބައިވެރިވެފައިއެވެ.

އެ ރައްޔިތުން ވަނީ ދިވެހި ދިދަ ހިފައިގެން، "ތެންކިއު މޯލްޑިވްސް" ޖަހާފައި ހުރި ހެޑް-ބޭންޑު އަދި އެކި ފޮޓޯފްރޭމް ތަކާއެކު އެސަރަހައްދުގައި ހަރަކާތްތެރިވެފައިއެވެ.

އެއްވުމުގެ ބައިވެރިން ބުނި ގޮތުގައި ތޫފާނުގެ ސަބަބުން ސްރީލަންކާއަށް އެންމެ ބޮޑު އެހީއެއް، ހީވެސް ނުކުރާ ވަރުގެ އެހީއެއް ރާއްޖެއިން ވެފައިވާކަމަށެވެ. އަދި މިކަމުގެ އަގު އަދާކުރަން ޖެހިއްޖެ ހާލަތެއްގައި ސްރީލަންކާގެ ރައްޔިތުން އަބަދުވެސް އެތިބީ ރާއްޖެއަށް އެހީވާން ތައްޔާރަށް ކަމަށްވެސް އެއްވުމުގެ ބައިވެރިން ބުންޏެވެ.

ސްރީ ލަންކާއަށް ދިމާވި މި ކާރިސާގައި، ސްރީލަންކާގެ އެތައް ބަޔަކަށް ގެއްލުންތަކެއް ލިބި، ފުރާނަ ވެސް ގެއްލުނުއިރު، ރާއްޖެއިން ވަނީ އެހީތެރިކަމުގެ އަތް ދިގުކޮށްފައެވެ. ރާއްޖޭގެ ސަރުކާރާއި، ކުންފުނިތަކާއި، އާންމު ފަރުދުން ވެސް މި ކެމްޕޭނުގައި ބައިވެރިވެފައިވެއެވެ.

ފޯރުކޮށްދެވުނު މުހިންމު އެހީތެރިކަމުގެ ގޮތުގަި ފާހަގަކޮށްފައިވާ ކަންކަން:

  • މުވައްޒަފުންގެ ދުވަހެއްގެ މުސާރަ: ރާއްޖޭގެ ގިނަ މުވައްޒަފުން ވަނީ، ސްރީލަންކާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، އެއް ދުވަހުގެ މުސާރަ ހަދިޔާކޮށްފައެވެ.
  • ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސިޔާމް ގްރޫޕްގެ ޗެއަރމަން އަޙްމަދު ސިޔާމް ވަނީ 200,000 (ދެ ލައްކަ) ޑޮލަރުގެ ބޮޑު އެހީއެއް ހަދިޔާކުރައްވާފައެވެ.
  • ސަރުކާރުގެ އެހީތެރިކަން: ރާއްޖޭގެ ސަރުކާރުން ވަނީ 25,000 މަސްދަޅު ކޭސްގެ އިތުރުން 50,000 (ފަންސާސް ހާސް) ޑޮލަރު ސްރީލަންކާއަށް އެހީގެ ގޮތުގައި ފޯރުކޮށްދީފައެވެ.
  • މުވާސަލާތީ ޚިދުމަތްދޭ ދިރާގު އަދި އުރީދޫން ވަނީ، ސްރީލަންކާއަށް ގުޅުމުގެ ހިލޭ ފުރުސަތު ފަހިކޮށްދީފައި.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ޕޯސްޓްތަކުން ފެންނަ ގޮތުގައި ލަންކާގެ ގިނަ ފަރާތްތަކުން ދަނީ ރާއްޖެއަށް ޝުކުރު އަދާކޮށް، "ރާއްޖެ ބޭނުންވާ ވަގުތު އަހަރެމެން އެކަން އަނބުރާ ދައްކާނަން" މި ޝުޢޫރު ފާޅުކުރަމުންނެވެ. ލަންކާގެ ރައްޔިތުން މިހާރު މިހާ ގިނައިން މިފަދަ ޕޯސްޓްތައް ކުރަމުންދާއިރު، ދިވެހިން ދަނީ "ދިވެހިން ސިލޯނާއި އެކު" މި ހޭޝްޓެގް ފަތުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved