ފުލުހުންގެ މުއައްސަސާގެ ނަޒާހަތްތެރިކަމާއި އިތުބާރު އަލުން ހޯދައިދިނުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ފެއިލްވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވުމުން، އެކަމުގެ ޒިންމާ ރައީސް ޔާމީންގެ ބޮލުގައި އިހުސާން އަޅުއްވައިފިއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ "ރައީސް ޔާމީން މަސައްކަތް ކުރެއްވި ނަމަ ފުލުހުންގެ މުއައްސަސާ ރަނގަޅު ކުރެވޭނެ" ކަމަށެވެ.
ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ފުލުހުންގެ މުއައްސަސާގެ ނަޒާހަތްތެރިކަމާއި އިތުބާރު އަލުން ގެންނަން މިހާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ކުޅަދާނަވެފައިނުވާ ކަމަށެވެ. އެމަނިކުފާނުގެ މި ބަސްފުޅުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އިހުސާން މިވަނީ، އޭނާގެ ދަށުން މިހާރު ހިންގަމުންދާ ފުލުހުންގެ މުއައްސަސާ ރަނގަޅުނުވާ ކަމުގެ ޒިންމާ ކުރީގެ ވެރިކަމުގެ ބޮލުގައި އަޅުއްވާފައެވެ.
އިހުސާންގެ މި ރައްދަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި، މަޤާމުގެ ޒިންމާ ނުއުފުލި، އެކަމުގެ ބުރަ އެހެން ފަރާތަކަށް އެޅުވުމުގެ މަސައްކަތެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުންގެ މުއައްސަސާ ހިންގުނު ގޮތާއި އަޅާ ކިޔުމުގެ ބަދަލުގައި މިނިސްޓަރުގެ ޒިންމާއަކީ މިހާރު އެ މުއައްސަސާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، ރައްޔިތުންގެ އިތުބާރު އަލުން ހޯދައިދިނުން ކަމުގައިވެސް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް އިހުސާން މަސައްކަތާ ހަވާލުވެވަޑައިގެންނެވި ފަހުންވެސް، މަސްތުވާތަކެތީގެ މައްސަލަތަކާއި، ގޭންގުތަކުގެ ހަމަނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުންތައް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.
އިހުސާން މަގާމާއި ހަވާލުވި ފަހުން ޖަލުތަކުގެ ތޮއްޖެހުން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި އިތުރަށް މައްސަލަތައް ބޮޑުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ޖަލުތަކުގައި ކުށްވެރިންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެ، އެތަންތަނުގެ އިންސާނީ ހާލަތު ދަށުދަރަޖައަށް ގޮސްފައިވާއިރު، މިކަމަށްވެސް ހަރުދަނާ ހައްލެއް މިނިސްޓަރު ހޯއްދަވާފައިނުވެއެވެ. އަދި ޖަލު ބަދަލުކުރުމާއި، ސިޔާސީ ނުފޫޒުގެ ދަށުން ކަންކަން ނިންމުމަށް އިހުސާން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައްވެސް އުފެދިފައިވެއެވެ. މީގެ އިތުރުން، ސަރުކާރުގެ މަތީ ފަޑީގެ ބޭފުޅުންގެ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ހެއްކާއި އެކު ފެންމަތިވަމުން އަންނައިރު އިހުސާން އަންނަނީ މަގާމުގެ މަސްއޫލިއްޔަތުން ރެކިގަނެ އެ މައްސަލަތައް ފަސްއަޅާ ފޮރުވަމުންނެވެ.
ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއްގެ ވެރިއަކު އަމިއްލަ ނާކާމިޔާބީގެ ޒިންމާ އެހެން ފަރާތަކަށް އެޅުވުމަކީ، އެ މުއައްސަސާއަށް އޮންނަ އިތުބާރު އިތުރަށް ކުޑަވެގެންދާނެ ކަމެއް ކަމަށާއި އެކަމުގެ ޒިންމާ ރައީސް ޔާމީންގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި، އަމިއްލަ މަޤާމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް މިނިސްޓަރު އިހުސާން ސަމާލުކަން ދިނުން މުހިންމު ކަމަށް އާންމުން ދަނީ ގޮވާލަމުންނެވެ.