ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މީހަކަށް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕީއެންއެފް އިން ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ހުއްޓާ ގުދުރަތީ ގޮތުން މީހަކަށް ދިމާވާ ކަމެއް ނުވަތަ ސިއްހީ ނުރައްކާތެރި ކަމެއް ދިމާވުން ފިޔަވައި ފުލުހުންގެ އިހުމާލުން ކުރާ ކަމަކުން މީހަކަށް ގެއްލުންވާ ކަމެއް، ހާއްސަކޮށް މީހާގެ ފުރާނައަށް ގެއްލުން ވެދާނެ ފަދަ ކަމެއް ނުވާނެކަމުގެ ކަށަވަރުކަން ފުލުހުންގެ މުއައްސަސާއިން ދޭން ޖެހޭ ކަމަށެވެ.
ބެލެވޭ ގޮތުގައި އެމަނިކުފާނު މިފަދަ މޭރުމަކުން ވާހަފުޅު ދައްކަވާފައި މިވަނީ ދާދި ފަހުން ފުލުހުންގެ ބެލުމުގެ ދަށޫގައި ހުއްޓާ މީހަކު ދަން ޖެހިގެން މަރުވި ހާދިސާއާ ގުޅިގެންނެވެ.
ރައީސް ޔާމީން ވިދާޅުވީ، މިހާރު ގައުމުގައި ކަންކަން ހިނގަމުންދާ އުސޫލަށް ބަލާނަމަ ފުލުހުންގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއަށް ޕްލެޖުތަކެއްގެ ގޮތުގައި ބައިތަކެއް އިތުރުކުރަން ޖެހިފައިވާ ފަދަ މަންޒަރު ފެންނަމުން ދާ ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ފުލުހުން އަމަލުކުރަން ހަދާފައި ހުންނަ އެސްއޯޕީގެ ބޭރުން ކަންކަން ކުރުމުން ނުބައި ނަތީޖާއެއް ނުނިކުންނާނެކަންވެސް ފުލުހުން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
އެ އެސްއޯޕީއެއްގައި ހުންނަ ކަންތައް ފޮލޯނުކޮށް، އެއިން ބޭރުންކޮށްފި ކަމަށް ވާނަމަ އެ މީހުން އެބަޖެހޭ ޖިނާއީ ލައިބިލިޓީ ބޮލުގައި އަޅަން. އެ ދުރަށްލާފައި ކޮށްފައި އޮތް ކަމެއްގެ ނަތީޖާ ނުބައި ވެއްޖިއްޔާ. އެއީ މުއައްސަސާ ރަނގަޅު ކުރެވޭނެ ގޮތަކީ
ފުލުހުން އެފަދަ މައްސަލަތައް ބެލުމަށްފަހު ރިޕޯޓުތައް ހެދި ނަމަވެސް ފިޔަވަޅު ނާޅާ ކަމަށާއި، އަދި އެ ކަންކަން ނުބެލުމަކީ އޭގެ ޒާތުގައި ޖިނާއީ ކުށެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ މިހާރު ފުލުހުންގެ ފަރާތުން ކަންކަމުގެ މައުލޫމާތު ހާމަކުރަމުން ދަނީ މަދުން ކަމަށާ ބޮޑަށް ގިނައީ ސިއްރުކުރާކަންކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ އެއީ އަނދިރި ދައުލަތްތަކުގައި ކަން ހިނގާ އުސޫލު ކަމަށެވެ.