March 20, 2026
Advertisement
އިންތިޚާބެއްގައި ވޯޓު ގުނަނީ
އިންތިޚާބެއްގައި ވޯޓު ގުނަނީ / އިލެކްޝަންސް ކޮމިޝަން

މަޖިލިސް އިންތިހާބަށް އަދިވެސް 1000އަށް ވުރެ ގިނަ އޮފިޝަލުން ބޭނުންވޭ: އީސީ

Aishath Naja
އައިޝަތު ނަޖާ
Mar 4, 2024, 08:01 PM
މާލެ ސިޓީ

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދިވެސް ހާހަކަށްވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

Advertisement

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މާލެ ސަރަހައްދުގައި ބަހައްޓާ ވޯޓު ފޮށިތަކުގައި ހަރަކާތްތެރިވާނެ ހާހަކަށްވުރެ ގިނަ އޮފިޝަލުން އަދިވެސް ނުލިބޭ ކަމަށާއި އޮފިޝަލުން ލިބުމުގައި ދަތިކަން ހުރީ ރަމަޟާންމަހާއި ދިމާކޮށް އިންތިހާބު ބާއްވާތީ ކަމަށެވެ.

އޮފިޝަލުން ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރައްވަމުން ޒަކަރިއްޔާ ވިދާޅުވީ ރަމަޟާން މަހުގައި އިންތިހާބު ބާއްވަން ކުރިން ހަމަޖެހުމުން އޮފިޝަލުންނަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށް ހަމަޖެހުނު ނަމަވެސް ރޯދައިގެ ފަހަށް އިންތިހާބު ބަދަލުކުރުމުން އެ އިނާޔަތް މިހާރު ކަނޑާލާފައިވާނެ ކަމަށެވެ.

އެގޮތަށް އަމަލުކުރުމުން ކުރިން ލިބިފައި ތިބި އޮފިޝަލުންވެސް އެކަމާ ޝަކުވާ ހުށަހަޅަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ކަމާއި ގުޅިގެން ކުރިން ލިބިފައި ހުރި ބައެއް އޮފިޝަލުން މި ދެ ދުވަސްތެރޭގައި ވެސް ނަން އަނބުރާ ނަގާފައިވާކަން އޭނާ ފާހަގަކޮށްފައިވެއެވެ.

އޭޕްރީލް މަހު 15 ވަނަ ދުވަހުން ފެށިގެން އަތޮޅުތެރެޔަށް ފޮނުވަންޖެހޭ އިންތިހާބާއި ގުޅޭ ތަކެތި ފޮނުވަން ފަށާނެ ކަމަށާ އަދި އިންތިހާބު ބާއްވަން ބޭނުންވާ ތަންތަން ހޯދުމަށް މިހާރު އެދިފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved