20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްވުމުން އިތުރަށް ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އަންގާރަ ދުވަހު އިއުލާންކޮށް، އިތުރަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހު 14، ގައި ހުޅުވާލާނެކަމަށް އީސީން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އޭޕްރީލް 21، އަށް އިންތިހާބު ފަސްކުރުމުން އެ ތާރީހަށް 18 އަހަރު ފުރޭ މީހުން ހިމެނުމުން ކުރިން ލިސްޓުގައި ނެތް 560 މީހަކަށް ވޯޓުގެ ހައްގު ލިބޭކަމަށެވެ.
ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި އަންގާެރަ ދުވަހު އައު ލިސްޓު އިއުލާން ކުރާއިރު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ އައު މީހުންގެ ލިސްޓަށް އެކަނިއެވެ.
އެ ފުރުސަތު ހުޅުވާލާނީ މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ތިން ދުވަހަކަށެވެ.
ރީރަޖިސްޓްރޭޝަނަށް ވެސް އިތުރު ތިން ދުވަހުގެ ފުރުސަތެއް ހުޅުވާލަން ކުރިން އެ ކޮމިޝަނުން ނިންމާފައިވާއިރު، ޒަކަރިއްޔާ ވިދާޅުވީ އެ ފުރުސަތު ހުޅުވާލާނީ މި މަހު 14، ގައި ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ހަމަވާނީ މި މަހު 17، އަށެވެ.
މީގެ އިތުރުން ބޭރު ގައުމުތަކުގައި ރަޖިސްޓްރީކުރަން ވެސް އަލުން ހުޅުވާލާނެ އެވެ. އަދި ކުރިން ވެސް ނިންމާފައިވާ ގޮތަށް ކަނޑައަޅާފައިވާ އަދަދަށް ރަޖިސްޓްރީވެއްޖެނަމަ އެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.
ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ 150 އަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓަރީ ކުރާ ގައުމުތަކުގައި އެކަނިންކަން ފާހަގަކޮށްލެވެއެވެ.
ކުރިން ހުޅުވާލި ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު، އެ އަދަދަށް ރީ-ރެޖިސްޓަރީ ކޮށްފައި ވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާއިންނެވެ.