އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމްތައް މެދުވެރިކޮށް ސަހްޔޫނީންނަށް ތާއީދު ހޯދުމަށް އެ ގައުމުން އެމެރިކާގެ ކުންފުންޏަކާއެކު 6 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިކަމުގެ ސަބަބުން، ޚާއްސަކޮށް ފަލަސްތީނަށް އޮތް އާންމުންގެ ތާއީދު ކަނޑުވާލުމަށް ސަހްޔޫނީން ހުއްޓުމެއްނެތި މަސައްކަތްކޮށް ހަގީގަތް އޮޅުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި މިކަން ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުގައިވާ ގޮތުން، މި ކޮންޓްރެކްޓްގެ މައިގަނޑު މަޤްޞަދަކީ ޗެޓްޖީޕީޓީ ފަދަ އޭއައި ޕްލެޓްފޯމްތަކުން ސަހްޔޫނީންނާއި ބެހޭ ގޮތުން ވާހަކަ ދައްކާ ގޮތަށް ނުފޫޒު ފޯރުވުމެވެ. އެމެރިކާގެ އެ ކުންފުނިން މަސައްކަތް ކުރަނީ ގިނަ އަދަދެއްގެ އޮންލައިން މެޓީރިއަލްއާއި ބަހުގެ ޑޭޓާ އުފައްދައި، ސިޔާސީ މައުޟޫއުތަކަށް އޭއައި އިން ރައްދުދޭ ގޮތް ސަހްޔޫނީންނާއި އެއްކޮޅަށް ބައްޓަން ކުރުމަށެވެ. މި މަސައްކަތުގެ އަމާޒަކީ އޭއައި ޓޫލްތަކުން އެމީހުންނާއި ރައްޓެހި ޖަވާބުތަކެއް ދިނުން ކަމަށް ވެސް އެ ވީޑިއޯތަކުގައި ބުނެފައިވެއެވެ.
މި ފަދަ ކޮމެންޓްތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރިފައިވާއިރު، އެފަދަ މަޝްރޫއުތަކުގެ ސަބަބުން އޭއައި ސިސްޓަމްތަކުން މީހުންނަށް މައުލޫމާތު ލިބޭ ގޮތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް، ފަލަސްތީނުގެ މައްސަލައާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަހްޔޫނީންނަށް ނަފްރަތު އުފެދިފައިވާ މި ދަނޑިވަޅުގައި، މިފަދަ މަސައްކަތްތަކަކީ ފަލަސްތީނަށް އޮތް ތާއީދު ކަނޑުވާލައި، އާންމުންގެ ޚިޔާލަށް ނުފޫޒު ފޯރުވުމަށް ކުރެވޭ ހަރަކާތްތަކެއް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
މި ތުހުމަތުތަކަށް ސަހްޔޫނީންނގެ ރަސްމީ އެއްވެސް އިދާރާއަކުން ބަޔާނެއް ނެރެފައި ނުވެއެވެ. ނަމަވެސް މި މައްސަލައިން ދައްކުވައިދެނީ އޭއައި ޓްރެއިނިން ޑޭޓާ ކޮންޓްރޯލް ކުރަނީ ކޮންބައެއްތޯއާއި މިފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ މައްސަލަތަކާމެދު އާންމުން ދެކޭ ގޮތް ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.