
ޗެކް ރިޕަބްލިކްގައި ހުންނަ އިސްރާއީލުގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނި، އެލްބިޓް ސިސްޓަމްސްއާ ގުޅުންހުރި ފެސިލިޓީއެއްގައި ބަޔަކު ރޯކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ޗެކް ރިޕަބްލިކްގެ އިރުމަތީ ސަރަޙައްދެއްގައެވެ. މި ޙަމަލާގެ ޒިންމާ އުފުލާފައިވަނީ "އަންޑަރގްރައުންޑް" ހަރަކާތްތައް ހިންގާ ގްރޫޕަކުންނެވެ. އެ ގްރޫޕުން ހާމަކުރި ގޮތުގައި، މި ޙަމަލާއަކީ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެހީތެރިވާ ކުންފުނިތަކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.
މި އަލިފާނުގެ ހާދިސާގައި އެ ފެސިލިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެލްބިޓް ސިސްޓަމްސް އަކީ އިސްރާއީލް ސިފައިން ފަލަސްޠީނުގެ ޣައްޒާއާއި އެހެނިހެން ސަރަޙައްދުތަކުގައި ބޭނުންކުރާ ޑްރޯންތަކާއި، މިސައިލް އަދި އެކި ބާވަތުގެ ނުރައްކާތެރި ހަތިޔާރުތައް ފޯރުކޮށްދޭ މައިގަނޑު ކުންފުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްރާއީލުގެ މިފަދަ ވިޔަފާރިތަކާ ދެކޮޅަށް ހަރަކާތްތެރިވާ ގްރޫޕްތަކުން އަންނަނީ އިސްރާއީލުގެ އިޤްތިޞާދަށް ގެއްލުން ދިނުމަށާއި، ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ގޮވާލައި މިފަދަ ހަރަކާތްތައް އިތުރުކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ޗެކް ރިޕަބްލިކްގެ ފުލުހުން މިހާރު ދަނީ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.










